ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ "އޯސަމް މޯލްޑިވްސް" އިން މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓްތަކެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިއީ މޮންގޯލިއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ. އެއާއިއެކު މިއީ ސީދާ އެ ގައުމުން ފަތުރުވެރިން ރާއްޖެ އަންނަން ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.

ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށް މިފަދަ ޗާޓާޑް ދަތުރު ތަކެއް ރާވައި، ފަށަން ތައްޔާރުވުން ވެގެންދާނީ އިތުރު މަންޒިލެއްގައި ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވުމުގެ އިތުރުން ދިވެހިންނަށްވެސް އެ މަންޒިލްތަކަށް ދަތުރު ކުރުމަށް ލިބިގެން ދާނެ ރަނުގެ ފުރުސަތަކަށެވެ.

އޯސަމް މޯލްޑިވްސްއަކީ 2002 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެއިރުން ފެށިގެންވެސް އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ފަތުުރުވެރިން ރާއްޖޭގެ ރިސޯޓްތަކަށާއި، ގެސްޓްހައުސްތަކަށް ގެނައުމެވެ. އޭގެ އިތުރުން އެ އެޖެންސީން ހުޅުމާލޭގައި ދެ ހޮޓެލްވެސް ހިންގަމުންދެއެވެ. އެއީ އޯސަމް ސުއިޓްސް އާއި އޯސަމް ކޮމްފޯޓް އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްޕީޑްބޯޓުގެ ހިދުމަތްވެސް އެ އެޖެންސީން ދެއެވެ.

"ވަގުތު"އާ ވާހަކަދެއްކި އޯސަމް މޯލްޑިވްސް ޓްރެވެލް އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ، ކޮވިޑް-19ގެ އާލަމީ ވަބާއެކު ފަތުރުވެރިކަން އަޑިއަޅާލައި އެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މޮންގޯލިއާގެ ޓުއާ އޮޕަރޭޓަރަކާއި ގުޅިގެން މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ޗާޓާޑް ފްލައިޓް އޮންނާނީ ނޮވެމްބަރު 23 ވަަނަ ދުވަހުއެވެ. އެ ދުވަހު މޮންގޯލިއާއިން 150 ފަސެންޖަރުން ރާއްޖެ އަންނާނެއެވެ. އެ ދުވަހު ރާއްޖެ އަންނާނީ މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ޓްރެވެލް ބްލޮގާސް އާއި ޓުއާ އޮޕަރޭޓަރުން ފަދަ މީހުންނެވެ. އަދި އެ ފްލައިޓްގައި ރާއްޖެއިން މޮންގޯލިއާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އޮންނާނެ އެވެ. އެކަމަށް ހާއްސަ ޕެކޭޖެއް އޯސަމް މޯލްޑިވްސް އިން ވަނީ ތައާރަފްކޮށްފައެވެ.

"އަޅުގަނޑުމެން ނޮވެމްބަރު 23 ގެ ދަތުރަށްފަހު، އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ ހަތް ދުވަހުން އެއް ދުވަހު ދަތުރުތައް ބާއްވާނަން މޮންގޯލިއާ އާއި ރާއްޖެ އާއި އަދި ރާއްޖެއާ މޮންގޯލިއާއާ ދެމެދު" އޮފިޝަލް ވިދާޅުވިއެވެ.

މި ދަތުރުތައް ކުރަނީ މޮންގޯލިއާގެ އުލާންބާތަރް ސިޓީގެ ޗިންގިސް ޚާން އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ. މޮންގޯލިއަން އެއަލައިނުން ކުރާ މި ދަތުރުތަކުގެ ދިގުމިނަކީ ހަގަޑިއިރެވެ.

މިއީ ދިވެހިންނަށްވެސް އާ ގައުމެއް ތަޖުރިބާ ކޮށްލަން ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ. އެގޮތުން ނޮވެމްބަރު 23-29 އަށް މޮންގޯލިއާ އަށް ދަތުރު ކުރަން ބޭނުންވާ ދިވެހިންނަށް އޯސަމް މޯލްޑިވްސްއިން މި ވަނީ ދިވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އެ ޕެކޭޖްގައިވާގޮތުން އެ ގައުުމުގައި ފަސް ރެއާ ހަ ދުވަހު މަޑުކޮށްލެވޭނެއެވެ. އަދި އެ ގައުމުގެ އެކި ތަންތަން ތަޖުރިބާ ކުރެެވޭއިރު، ޕެކޭޖްގެ އަގަކީ 1590 ޑޮލަރެވެ. މި ޕެކޭޖްގެ ތެރޭގައި ޓިކެޓްގެ ހަރަދާއި، ވިސާ ފީ އާއި ހުރުމާއި، ޓުއާގެ އިތުރުން ކެއުމުގެ ހަރަދު ހިމެނެެއެވެ.

އޮފިޝަލް ވިދާޅުވީ، ދިވެހިންނަށް ހާއްސަ ޕެކޭޖް ޑިސެންބަރު މަހު ރަސްމީކޮށް ޗާޓާޑް ދަތުރުތައް ފަށާއިރުވެސް ތައާރަފް ކުރާނެ ކަމަށެވެ. އަދި މި ޕެކޭޖްތަކަށް ފައިސާ ދައްކަން ފްލެކްސިބަލް ޕްލޭނެއް ތައްޔާރުކޮށްފައިވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ޕެކޭޖްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3006060 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރުމުން އެ މައުލޫމާތު ލިބޭނެއެވެ.

މޮންގޯލިއާ އަކީ އޭޝިއާގެ އިރުމަތީ ބިތުގައި އޮންނަ ގައުމެކެވެ. އެގައުމުގެ ދެކުނުން ބޯޑަރު ހިއްސާ ކުރަނީ ޗައިނާ އެވެ. އުތުރުން ބޯޑަރު ހިއްސާ ކުރަނީ ރަޝިއާ އެވެ. އެހެންކަމުން އޭޝިއާ އާއި ޔޫރަޕްގެ އިހްސާސްތައް ކޮށްލަން ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މޮންގޯލިއާ އަކީ ވަރަށް މަގުބޫލް މަންޒިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޯ

    57,240ރ ދެމީހެއްގެ 8 ދުވަހު ޗުއްޓީއަށް ؟ މާލޭގެ ގެދޮރުވެރިން ނަށް ތިކަން ވާނީ

    7
    3
    • ަެެއަދުރޭ

      އަވަހަށް ހިސާބު ކުލާހަށް އާދޭ!!

  2. ބުރުގާ

    ހެހެހެ.... ދިވެހިން މޮންގޯލިއާއައް ގޮސް މަހައްތަ ދާނީ؟؟!

    • މަސްވެރިޔާ

      މަސްވެރިކަން ކުރަން މޫސުން ތަންދޭނެހެނެއް ހިޔެއްނުވޭ

  3. މިތުރާ

    އާދައިގެ މީހަކަށް ނުލިބޭ ޗުއްޓީއަކަށް ހޭދަކުރާނެ ބޮޑުލާރި، ތިކަންވާނީ މަތީފަޑީގަ ތިބިމީހުންނަށާ މާލެ މީހުންނަށް، ބިމުން ރަންވަޅެއް ލިބުމަކީ މާލެއިން ގޯއްޗެއް އޮތުމަކީ އެއްވަރު، އާދައިގެ މީހުން 3، 4،ފަޒީފާއަދާކުރާއިރުވެސް އަނގާ އަތާދިމާނުވޭ،ނުވިތާކަށް ނިދާ އެންދު ގަންނަން ނަގާލޯނު ވެސްނުދެއްކޭ،،،ރައިޔިތުން ފަގީރުވަނީ ދުވަހުން ދުވަހަށް،

  4. ޑައިވަރޭ

    ދިވެހިން މޮންގޯލިއާއައް ގޮސް އައިސް ފިޝިންއަށް ދާނީ