މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގެސްޓްހައުސްތަކަށް ބާއްވާ، އެވޯޑު ދިނުމުގެ ހަފުލާ އަންނަ މަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު، ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް މަޓާޓޯއިން މި އެވޯޑު ތައާރަފު ކުރީ މިދިޔަ އަހަރުއެވެ. ގެސްޓްހައުސް އެޑިޝަންގެ 15 ކެޓަގަރީ އަކަށް 111 ފަރާތެއް ނޮމިނޭޓްވެފައިވެއެވެ.

މި ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު އެސްއެމްއެސް އާއި އޮންލައިންކޮށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުުން މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވޯޓު ދެވޭނެއެވެ. މި އެވޯޑަށް މާކްސް ދިނުމުގައި މަޝްހޫރު ބުކިން ސައިޓް ޓްރިޕްއެޑްވައިޒާއިން ދޭ ރޭޓިންއަށް 40 ޕަސެންޓު ލިބޭނެއެވެ. އަދި ބާކީ ހުރި 60 ޕަސެންޓް ދޭނީ އާއްމުންގެ ވޯޓުންނެވެ.

މީގެއިތުރުން މިއަހަރު މަޓާޓޯ އިން ވަނީ ގެސްޓް ހައުސް ދާއިރާ ތަރައްގީކުރަން މަަސައްކަތްކުރާ ފަރާތްތަކަށްވެސް އެވޯޑު ދޭން ނިންމާފައެވެ. އަދި ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކުގެ އިތުރުން އެންމެ ސަޕޯޓިވް ގެސްޓްހައުސްއަށް ވެސް އެވޯޑް ދޭން ވަނީ ނިންމާފައެވެ.

ޓްރިޕް އެޑްވައިޒަރުންދޭ 40 އިންސައްތަ މާކުހާއި އާއްމުންގެ 60 އިންސައްތަ މާކްސް ހިމަނައިގެން ދެވޭ މި އެވޯޑަށް ގިނަ އަދަދެއްގެ ގެސްޓުހައުސްތަކުން ކުރިމަތިލާނެ ކަމަށް ވަނީ ބެލެވިފައެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑު މި އަހަރު ލިބިފައިވަނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލް އަށެވެ.