"އެންމެ ކުޑަ އުޖޫރަ އިން އެއްވެސް އާއިލާއަކަށް މުއްސަނދިކަމެއް ނުލިބޭ. ހަގީގަތުގައި މިހާރު މިއޮތް މިނިމަމް ވޭޖަކީ، ފަގީރުކަމުން އާއިލާއެއް އުފުލައިދޭ ވޭޖެއް ވެސް ނޫން،" މިނިމަމް ވޭޖު ނުވަތަ ކުޑަ އުޖޫރައާއި ގުޅޭ ގޮތުން އެމެރިކާގެ ފައިނޭންޝަލް އެގްޒެކެޓިވް އަދި ރިޓަޔަރޑް ޕޮލިޓީޝަން ޖޯން ސްޓީވަންސް ކޯރޒީން ވިދާޅުވާ ބަސްފުޅަކީ މިއީއެވެ. 2001 އިން 2006 އަށް ނިއު ޖަރޒީން އެމެރިކާގެ ސެނެޓަރެއްގެ މަގާމު، އަދި 2006 އިން 2010 އަށް ނިއު ޖަރޒީގެ 54 ވަނަ ގަވަރުނަރުކަން އޭނާ ކުރައްވާފައިވެއެވެ.

ކުޑަ އުޖޫރައިގެ ސިޔާސަތުގެ ފައިދާއާއި ގެއްލުމުގެ ބަހުސަކީ ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅުނު އިރުން ފެށިގެން މިއަދާ ހަމައަށް ވެސް ދެމިގެން އައި ދިގު ބަހުސެކެވެ. 1894 ވަނަ އަހަރު ނިއުޒިލެންޑްގައި "ނޭޝަނަލް ބޭސް ޕޭ" ނުވަތަ "ގައުމީ އަސާސީ އުޖޫރަ"އިގެ ގޮތުގައި ކަނޑައެޅުނު ސިޔާސަތަކީ، މިގޮތުން ދުނިޔޭގައި އެންމެ ފުރަތަމަ ތައާރަފްކުރެވުނު ސިޔާސަތެވެ.

ކުޑަ އުޖޫރައިގެ ސިޔާސަތާއި ދެކޮޅު އިގްތިސޯދީ މާހިރުންގެ ވިސްނުމަކީ މިއީއެވެ؛ ވަޒީފާގެ ބާޒާރުގައި މީހުންގެ އަގު މަތިވީއެވެ. ދެން ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާއަށް ނަގާނީ މަދު ބައެކެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލޭނީއެވެ. ވިޔަފާރިތަކުގެ މައިގަނޑު ޚަރަދު ކަމުގައިވާ މުވައްޒަފުންގެ އުޖޫރަ ބޮޑުވުމުން، ޚަރަދު ދެކޮޅު ޖައްސަން ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގު ވެސް އުފުލާނެއެވެ.

އެއާއި ހިލާފަށް ކުޑަ އުޖޫރައިގެ ސިޔާސަތަށް ތާއިދު ކުރާ އިގްތިސޯދީ މާހިރުންގެ ވސްނުމަކީ މިއީއެވެ؛ ކަނޑައެޅުނު ކުޑަ އުޖޫރައިން، ތަކެތީގެ އަގު އުފުލޭ ވަރާއި އެއް ވަރަށް އާންމު ފަރުދުންގެ ތަކެތި ގަތުމުގެ މާލީ ތަނަވަސްކަން އިތުރުވާނެއެވެ. "ޕާޗޭސިން ޕަވާ" އިތުރުވާނެއެވެ. ފަރުދުންގެ އާމްދަނީ އިތުރުވުމުން؛ ތަކެތި ގަންނަން ކުރާ ހޭދަ ބޮޑުވާނެއެވެ. އެހެންކަމުން ވިޔަފާރިތަކަށް ވެސް އާމްދަނީ ލިބި، އެ ފައިސާ އިގްތިސޯދުގެ ތެރޭ ހިނގާނެއެވެ.

ކުޑަ އުޖޫރައިގެ ދިގު ތާރީޚެއް ދުނިޔޭގައި އޮވެ، ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި ކުޑަ އުޖޫރަ ކަނޑައެޅި ތަންފީޒު ކުރެވެމުން ދިޔަ ނަމަވެސް، ދިވެހިންނާއި ހަމައަށް މި ސިޔާސަތު ތައާރަފު އެވީ އަދި ކިރިޔާއެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން އެކުލަވާލި "އެޖެންޑާ 19" ގައިވާ ގާނޫނީ އޮނިގަނޑުގައި ވެސް ހިމެނޭ ޚާއްސަ އޮނިގަނޑެކެވެ.

ވަޒީފާގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ކުޑަ އުޖޫރައިގެ ބާބާއި އެކުގައެވެ. ރައީސް ސޯލިހް އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭގައި ކުޑަ އުޖޫރަ ކަނޑައަޅަން ބަޔާން ކުރީ 2022 ގެ ކުރިއަށެވެ. ގާނޫނުގައިވާ ގޮތުގެ މަތިން، އިގްތިސާދީ ވަޒީރަށް ދެވިފައިވާ އެ ބާރުގެ ދަށުން، ކުޑަ އުޖޫރަ އިއުލާން ކުރެއްވީ މި މަހުގެ އަށް ވަނަ ދުވަހުގައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މިނިމަމް ވޭޖް ކަނޑައެޅި ގޮތް:

ކުދި ވިޔަފާރި: ގަޑިއަކަށް 21.63ރ. ، މަހަކަށް ލަފާ ކުރެވޭ މުސާރަ 4،500ރ.
މެދުފަންތީގެ ވިޔަފާރި: ގަޑިއަކަށް 33.65ރ. ، މަހަކަށް ލަފާ ކުރެވޭ މުސާރަ 7،000ރ.
ބޮޑެތި ވިޔަފާރި: ގަޑިއަކަށް 38.46ރ. ، މަހަކަށް ލަފާ ކުރެވޭ މުސާރަ 8،000ރ.
ސިވިލް ސާވިސް: މަހަކަށް ލަފާ ކުރެވޭ މުސާރަ 7،000ރ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިޔައިރު، ޔަގީނުންވެސް އިގްތިސޯދަށް ބަދަލުތަކެއް އަންނާނެއެވެ. ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ދިވެހި އިގްތިސާދަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުން އަދިވެސް މުޅިން އަރައިގެނެވިފައި ނުވާތީ، ކުޑަ އުޖޫރައާއެކު އިގްތިސޯދަށް ކޮށްފާނެ އަސަރުތަކަކީ ވަރަށް ސީރިއަސްކޮށް ބަލައި ދިރާސާކުރެވެން ޖެހޭނެ ކަންކަމެވެ.

މި ކަމުގައި ދިވެހިންގެ ތެރޭގައި ތިބި އިގްތިސާދީ މާހިރުން ދެކެނީ ކިހިނެއް ހެއްޔެވެ؟ މިއީ ހެޔޮ ބަދަލެއް އަންނާނެ ކަމެއް ހެއްޔެވެ؟ ނޫނީ އަންނަ ހެޔޮ ބަދަލަށް ވުރެ ލިބޭ ގެއްލުން ބޮޑު ވާނެ ހެއްޔެވެ؟
މިހާރު ކަނޑައަޅާފައިވާ އަދަދަކީ 26 ދުވަހު މަސައްކަތް ކޮށްގެން ލިބޭނެ ކަމަށް ބުނާ އަދަދުތަކެވެ. އެ އަދަދަކީ އެލަވެންސާއި ވެސް އެކު ހިމެނޭ އަދަދެކެވެ. އަދި 30 ދުވަހު މަސައްތަކަށް ނުކުމެއްޖެނަމަ ދޭން ޖެހޭ ފައިސާ އިތުރުވެއެވެ. އަދި އިތުރު ގަޑީގެ ފައިސާ ވެސް ދޭން ޖެހެއެވެ.

މިއީ ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ވާނެ ކަމެއް ހެއްޔެވެ؟ ދައުލަތުގެ އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ މުއައްސަސާތަކަށް ވެސް ކުރެވިދާނެ ކަމެއް ހެއްޔެވެ؟

ވަޅޯމަސް މާރުކޭޓުގެ ތެރެއިން - ފޮޓޯ މުޙައްމަދު އަފްޒަލް

އަގު އުފުލޭނެ، ކުޑަ އުޖޫރައިން ދެކޮޅު ޖެހޭނެ؟

ދުނިޔެ ދަނީ "ހީޓްއަޕް" ވަމުންނެވެ. މި ދިލަ ހޫނުގެ އިހްސާސް މުޅި ދުނިޔެ މިހާރު ކުރަމުން ދަނީ ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެންނެވެ. މި އިގްތިސޯދީ ދަތިހާލަތާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެއްޗާއި ތެލުގެ އަގުތައް ހުރީ މަތީގައެވެ.

"މިހެން ހުއްޓާ ވޭޖް ކޯސްޓް އިތުރު ވެގެން ގޮސްފިކަމުގައިވާ ނަމަ، އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ހިނގައި ދާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އާ ވާހަކަ ދެއްކެވި މާލީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރީގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރި ކަމަށް ސަރުކާރުން އިއުލާން ކުރި ކޮންމެ ފަހަރަކު ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އާންމު ފަރުދުންގެ އާމްދަނީ އިތުރުވެއްޖެ ކަމަށް ބަލާފައި، ވިޔަފާރިތަކުން ތަކެތީގެ އަގު ބޮޑުކޮށް، އަދި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލިވެސް ބޮޑުކޮށްފައި ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

މާޒީގައި ހިނގައިދިޔަ ކަންކަމަށް ރިއާޔަތްކޮށް އޭނާ އަންދާޒާކުރަނީ، އެންމެ ކުޑަ އުޖޫރަ ދޭން ލާޒިމުވާ ތާރީޚުން ފެށިގެން ހަމަ އެ ގޮތަށް ތަކެތީގެ އަގު އުފުލިދާނެ ކަމަށެވެ. މީގައި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ ކަމަށް ކަނޑައެޅޭނީ ތަކެތީގެ އަގު އުފުލޭ ވަރަކުންނެވެ. އުފުލޭ އަގަކީ ކުޑަ އުޖޫރަ އިތުރުވި ވަރަށް ވުރެ މާ ބޮޑު އަގެއް ނަމަ، މިކަމުން އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

"ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ 7000 ރުފިޔާއަށް އެ ބޮޑު ވަނީ. ޕަބްލިކް ސެކްޓާތަކުގެ މުސާރަ ބޮޑުވާނެއޭ، މިހެން ހަމަ ކިޔާއިރަށް އެބަ ހުރި ތަކެތީގެ އަގު ބޮޑުކޮށްފައި. އޭގެ އަސަރުކޮށްފައި އެބަހުރި. އެކަމަކު އެއީ މާގިނަ ލާރިތަކެއް ލިބޭތީވާ ގޮތެއް ނޫން. އެއީ ވިޔަފާރިވެރިންނާއި، ކުލި ކަނޑައަޅާ ފަރާތްތައް އެކްސްޕެކްޓް ކުރަނީ މާގިނަ ލާރި ލިބޭކަމަށް. އެހެންވެ އަސްލު އެ ބޮޑުވެގެން ދަނީ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ މާލީ އެހެން ތަޖުރިބާކާރަކު "ވަގުތު" އަށް ވިދާޅުވީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އޮތީ ވަރަށް ހާލުގައި ކަމަށެވެ. އެހެންކަމުން ކުޑަ އުޖޫރައާއިއެކު އެ މީހުންނަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި، އެކަމުން ސަލާމަތް ވުމަށް ތަކެތީގެ އަގުތައް ބޮޑުކުރުން ފަދަ ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަ އުޖޫރަ ކަނޑައެޅުމަކީ ކޮންމެހެން ވަޒީފާ އަދި އިތުރުވާ ކަމެއް ނޫން. ކުޑަ އުޖޫރަ ކަނޑައެޅުމުން ވެސް ވަޒީފާ ނެތް ކިތަންމެ ބަޔަކު މި ރާއްޖޭގައި އަދިވެސް އެބަ ތިބި. މިހެން ތަކެތީގެ އަގު ބޮޑުވީމަ ވަޒީފާއެއް ނުލިބި ތިބި ރައްޔިތުންނަށް ފަސޭހައެއް ނުވާނެ،" އޭނާ އިތުރަށް ތަފްސީލްކޮށްދެއްވިއެވެ.

ލޯކަލްމާރުކޭޓު ތެރެ - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. މާލީ ދާއިރާއާއި އޮޑިޓިން ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޔައުގޫބް ވިދާޅުވަނީ،އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސަބަބުން އެންމެ ބޮޑު ބަދަލެއް އަންނާނީ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ކަމަށެވެ. މި ފަންތީގެ މުވައްޒަފުންގެ އުޖޫރައަށް އަންނަ ބަދަލުން، އުފުލޭ އަގާއިއެކު ވެސް އާމްދަނީ ހެޔޮ ގޮތެއްގައި މެނޭޖް ކޮށްލެވޭނެއެވެ.

"މިހާރު ވެސް އެ ފަންތީގެ މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތައް އެ ފުއްދަނީ. ދެން އެ މީހުން އަމިއްލައަށް މެނޭޖްކޮށްލެވޭނެ ހާލަތަކަށް ދާނެ ކުޑަ އުޖޫރައާއެކު. ދިރިއުޅުމުގެ ޚަރަދުތައް މެނޭޖް ކޮށްލެވޭނެ. ސޭވް ވެސް ކުރާނެ. އިންފްލޭޝަން ސީދާ ސްޓްރައިޓް އަވޭ އެއަށް ލީޑް ކުރާނެއޭ ދަންނަވަން ދަތި. އެހެން ވާނެ ކަމަކަށް ނުބެލެވޭ،" ޔައުގޫބް ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް. ފޮޓޯ: މަޖިލިސް

މި ސުވާލުތައް ނޫސްވެރިންގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ވެސް އަމާޒު ކުރެވުނުއެވެ. މިނިސްޓަރު ވިދާޅުވީ މުސާރަތައް ބޮޑުވުމުން ތަކެތީގެ ޑިމާންޑް ބޮޑުވާނެ ކަމުގައެވެ. މިނިސްޓަރު ފާހަގަ ކުރައްވާ އިގްތިސޯދީ ވިސްނުމަކީ، މުސާރަ ބޮޑުވުމުން ހޭދަ ބޮޑުވުމެވެ. ހޭދަ ބޮޑުވުމުން ތަކެތީގެ އަގަށް އެ އަންނަ ބަދަލަކީ ބޮޑުވާ މުސާރައިން ދެކޮޅު ޖެހޭނެ ކަމެއް ކަމުގައެވެ.

"މުސާރަތައް ބޮޑުވިއޭ ކިޔާފައި އެއްޗެހިތައް އަގުބޮޑުވުމަކީ މުޅިން އެހެން ވާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ރާއްޖޭގައި ވެސް ތަކެތީގެ އަގު އުފުލޭނަމަ، އުފުލޭނެ ހާލަތަކީ އެއީއެވެ. އެކަމަކު އެއީ ވެސް ވަރަށް ކުރު މުއްދަތަކަށް ހިނގާނެ ކަމެއް ކަމުގައި ފައްޔާޒު ވިދާޅުވެއެވެ.

"ކުރިއަށް އޮތް ހަ މަސް މި ބަލަނީ އެބްނޯމަލް އިންފްލޭޝަންއެއް އަންނާނެ ކަމަށް. އާންމުކޮށް ނާންނަ އިންފްލޭޝަނެއް. އެއީ ދުނިޔޭގެ އިގްތިސޯދު ހުއްޓިފައި އޮވެފައި އަލުން ފަށައިގަތުމުން ޑިމާންޑާއި އެއް ހަމައަށް ސަޕްލައި ކުރިއަށް ނުގޮސް އޮތުމުގެ ސަބަބުން،" ފައްޔާޒު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މި ހާލަތުގައި ސަރުކާރު މުވައްޒަފުންގެ ކުޑަ އުޖޫރަ ދޭނީ ކިހިނެއް؟

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއެކު، ބަޖެޓަށް 600 މިލިއަން ޑޮލަރު އިތުރު ކުރަން ޖެހިފައިވެއެވެ. އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަނޑައެޅި ކުޑަ އުޖޫރައާއެކު ދައުލަތުގެ ބަޖެޓަށް އަންނަ ބަދަލެކެވެ. އެ ފައިސާ ހޯދާނެ ގޮތްތަކަކީ ކޮބައި ހެއްޔެވެ؟

ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ ބޭނުންވާ ވަރަށް ދައުލަތަށް ފައިސާ ނުވަދެއްޖެނަމަ ދެން އޮންނާނެ ގޮތަކީ ފައިސާ ޖެހުން ކަމުގައެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި މާލީ ތަޖުރިބާކާރު "ވަގުތު" އަށް ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް، އެ މީހުންގެ މުސާރަ ދެނީ ފައިސާ ޖަހައިގެން ކަމުގައިވާނަމަ، ފައިސާގެ އަގު ދަށްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލުމަކީ ގާތް ކަމެކެވެ. އެއީ ބާޒާރުގައި ނެތް ފައިސާއެއް ކުއްލިއަކަށް ބާޒާރަށް ނެރެން ޖެހުމުން، ފައިސާގެ އަގަށް އަންނަ ބަދަލާއެކުއެވެ.

އެހެންވިޔަސް، ރާއްޖޭގައި މުސާރަ ބޮޑުކުރާ ރޭޓާ އެއް ވަރަށް އިގްތިސޯދީ ހަރަކާތްތައް ރަނގަޅުވެއްޖެ ކަމުގައިވާނަމަ، އަގު އުފުލޭ ވަރު "ކޮންޓްރޯލް" ވުން ގާތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވިދާޅުވެފައިވެއެވެ. މިހާރު ވެސް ރާއްޖޭގެ އިގްތިސާދު އަލުން ހަރަކާތްތެރިވާން ފަށާފައި މި ވަނީ، ފައިސާ ޗާޕުކޮށް ބާޒާރުގައި އެ ފައިސާ ވެސް ދައުރުކޮށްގެންނެވެ.

މި ފަދަ ހާލަތެއްގައި އަމަލުކުރެވޭނީ ދެ ގޮތަކަށް ކަމަށް އިގްތިސޯދީ އަދި މާލީ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ. އެއް ގޮތަކީ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކޮށްލުމެވެ. އަނެއް ގޮތަކީ ލޯނު ނަގައިގެން ލިބޭ ފައިސާ އިގްތިސޯދުގެ ތެރޭ ދައުރުކޮށް އިގްތިސޯދީ ހަރަކާތްތައް ހިންގުމެވެ. މިހާތަނަށް ސަރުކާރުން ނިންމި ނިންމުމަކީ ދަރަނި ނަގައިގެން އަދި ފައިސާ ޗާޕުކޮށްގެން އެ ފައިސާ އިގްތިސޯދު ތެރޭ ދައުރު ކުރުމެވެ.

އެމްއެމްއޭ - ވަގުތު އިމޭޖެސް

ކުޑަ އުޖޫރަ ކަނޑައަޅަން މިއީ ރަނގަޅު ވަގުތެއް؟

އިގްތިސޯދީ ގޮތުން މުޅި ދުނިޔެ ވެސް ހުއްޓުމަކަށް ގެނައި އެންމެ ބޮޑު ހާލަތަކީ މިއީއެވެ. ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ވެސް ދިޔައީ މާލީ ލޮޅުމަކަށެވެ. އިގްތިސޯދީ ތަދުމަޑުކަމަކަށެވެ. ދަތުރުފަތުރު މުޅިން ހުއްޓުވާލި ކަމަކަށެވެ. މި ހާލަތުން ދުނިޔެ އަދި ރާއްޖެ ވެސް މުޅިއަކުން އަރައިނުގަނެ އޮތް މި ދަނޑިވަޅުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ރަނގަޅު ހެއްޔެވެ؟

"ވަގުތު" އާ ވާހަކަ ދެއްކެވި އިގްތިސޯދީ ގިނަ ތަޖުރިބާކާރުންގެ ވިސްނުން ހުރީ ކޮވިޑްގެ މިހާލަތުން ރަނގަޅަށް އަރައިނުގަނެވެނީސް މިކަން ނުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގެ އިގްތިސޯދު ހިނގަމުން ދަނީ ރަނގަޅަށް ކަމަށް ނުވާއިރު، ރާއްޖެ ވެސް އޮތީ އެފަދަ ހާލަތެއްގައި ކަމަށެވެ. އަދި ރާއްޖެ މިހާރު ވެސް ދަނީ ވަރަށް ބޮޑު ދަރަނިވެރިވުމަކާ ދިމާލަށް ކަމަށް ހަލީލް ވިދާޅުވިއެވެ.

"އިގްތިސޯދީ ގޮތުން ވަރަށް ދަތި ހާލެއްގައި ގައުމު އޮއްވާ އެކަން ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން. އެހެން ނަމަވެސް ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް އަދާ ކުރުމުގައި ކަނޑައެޅިފައި އޮތް މުސާރަތައް ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ސަރުކާރުން ހޯދައިދޭން ޖެހޭ،" މާލީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޕަބްލިކް ޕޮލިސީއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޚަލީލް ވިދާޅުވިއެވެ.

ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޚަލީލް

ނަމަވެސް މެންބަރު ޔައުގޫބް ފާހަގަކުރައްވަނީ މިއީ ގޯސް ވަގުތެއް ނޫން ކަމުގައެވެ. އެއީ ކޮވިޑާއެކު ކުންފުނިތަކަށް ސްޓްރަކްޗަރަލް ބަދަލުތަކެއް ގެންނަމުންދާއިރު، މިއީ ވެސް ވަރަށް ބޮޑު ބަދަލެއް ކަމުގައި ދެކިގެން ކުރިއަށް ގެންދެވޭނެއެވެ.

"ސްޓްރަކްޗަރަލް ޗޭންޖެސްތަކެއް، ހާއްސަކޮށް ވިޔަފާރިތަކުގައި އަދި ބޮޑެތި އިންޑަސްޓްރީސްތަކުގައި ނަގާނެ. އެ ނަގާއިރު މިއީވެސް ވަރަށް ބޮޑު ޗޭންޖެއް. މިފަދަ ޗޭންޖެއް އެ ޗޭންޖަސްތަކާއެކު ފަށައިގަންނަން މިއީ ގޯސް ވަގުތެއް ނޫން،" ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބްގެ ނަޒަރިއްޔާތުގައި މުހިއްމު ނުކުތާއެއް ފާހަގަ ކުރެއްވިއެވެ. އެ ކަމަކީ ދުނިޔެއަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެފައި އޮތް ދަނޑިވަޅުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިން އޮތް ހާލަތަށް އައި ކަމުގައެވެ. އެއީ ވެސް އޭގެ ކުރީގައި އޮތް ރާއްޖޭގެ އެންމެ ބޮޑެތި މާކެޓްތައް ވެސް ނުހިމެނިއެވެ. އެ ގޮތުން ޗައިނާ، އިޓަލީ، އޮސްޓްރޭލިއާ ފާހަގަ ކުރެއްވިއެވެ. އެއިން ދައްކުވައިދެނީ މާލީ ތަދުމަޑުކަމެއް ސީދާ ކުރިމަތިނުވާ ކަމުގައެވެ.

"އެ ވަރުން ވެސް މިހާރު މި އޮތީ ކުރީގެ ހާލަތަށް އާދެވިފައި. މިއިން މި ދައްކައިދޭ އިންޑިކޭޝަންއަކީ މި އުޅެނީ މީހުންގެ އަތުން ފައިސާ ނެތިގެން ނޫނޭ. މި އުޅެނީ ކަމަކަށް ޑިމާންޑެއް ނެތިގެން ނޫނޭ. މި އުޅެނީ ތަޅުއަޅާވާލީމަ އޭގެ ސަބަބުން ދިމާވި އިމްޕެކްޓްއެކޭ. އެހެންވީމަ މި ދަނޑިވަޅަކީ މިނިމަމް ވޭޖް ގެންނަން އަސްލު އެންމެ ރަނގަޅު ދަނޑިވަޅު،" ޔައުގޫބް ވިދާޅުވިއެވެ.

ދިވެހިންގެ ވަޒީފާތައް މަދުވެދާނެ ކަމުގެ ބިރު!

ނަން ހާމަނުކުރަން ޝަރުތުކޮށް އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި، ނުވަތަ އަލުން އަނބުރާ އިއާދަ ކުރެވިފައި ނުވާ ހާލަތެއްގައި ތިބި ދަނޑިވަޅެއްގައި، ޕްރައިވެޓް ސެކްޓާތަކުގެ މުސާރައަށް ބަދަލު ގެނައުމުން، އެ ވިޔަފާރިތަކުން އެ މުވައްޒަފުން އަނބުރާ ނުނެގުމުގެ ހިޔާލު ގެންގުޅޭނެ ކަމަށެވެ.

"ކޮވިޑާއި ހެދި ވަޒީފާތަކެއް ގެއްލިފައި ދޯ މިހުރީ. އެހެން އޮއްވައި، ޚާއްސަކޮށް ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިން، އެ މީހުންގެ ވިޔަފާރި އަނެއްކާ ކޮޅަށް ޖަހަން މަސައްކަތް ކުރާ ދުވަސްވަރެއްގައި، އެ މީހުން އިތުރު މުވައްޒަފުން ނަގަން ބަލާއިރު، އަލުން ދެވަނަ ވިސްނުމަކަށް ދާނެތާ، އެއީ އަލުން މުވައްޒަފުން ނަގާނީތޯ ނޫނީ މިހާރު ތިބި މީހުން ލައިގެން ހިފަހައްޓާނީތޯ،" އޭނާ ވިދާޅުވިއެވެ.

ރަޖިސްޓްރީވުމުގެ ބޭނުމުގައި ބިދޭސީންތަކެއް ގަލޮޅު ދަނޑަށް އެއްވެފައި

އޭނާ ދެން ފާހަގަކުރެއްވީ ވަރަށް ވެސް ސީރިއަސް މައްސަލައެކެވެ. އެ މައްސަލައަކީ ހަމައެކަނި ދިވެހިންނަށް ކުޑަ އުޖޫރަ ކަނޑައެޅުމެވެ. ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅުމުން އައިސްދާނެ ނުރަނގަޅު އަސަރުތަކެކެވެ. މި ގޮތަށް އޮތުމުން ދެން ދިވެހިންނަށް ވަޒީފާ ނުދީ، ވަޒީފާތަކަށް ބިދޭސީން ނެގުމަކީ ގާތް ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"ބިދޭސީންނަށް ވެސް ކުޑަ އުޖޫރައެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ. މިހާރު މިއޮތް ހާލަތުން ކުދިކުދި ރިސޯޓްތަކަށް ވެސް ބޭރު މީހުން ނަގަން ފަށާނެ. މިހާރު އޮތް ގޮތުން ވީމަ އެއްވެސް އިންސާފެއް ނެތް. ދިވެހިންނަށް ވަޒީފާ ގެއްލިފައި، ބިދޭސީންނަށް ވަޒީފާ ލިބޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ޚަލީލް ވެސް ވިދާޅުވީ، މުސާރަތައް ބޮޑުވާ ވަރަކަށް ވިޔަފާރިތަކުން ވެސް މަސައްކަތް ކުރާނީ ޚަރަދުތައް ކުޑަ ކުރަން ކަމަށެވެ. އެހެންކަމުން އާ މުވައްޒަފުން ނެގުމުގެ ބަދަލުގައި މިހާރު ތިބި މުވައްޒަފުންނާއެކު މަސައްކަތް ކުރަން މަޖުބޫރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވެސް ފާހަގަ ކުރައްވާ ގޮތުގައި، ބިދޭސީންނަށް ކުޑަ އުޖޫރައެއް ނެތުމުން ދެން ވިޔަފާރިތަކުން ބަލާނީ ބިދޭސީން ވަޒީފާތަކަށް ނެގުމަށެވެ.

"ޚަރަދުތައް ކުޑަކުރެވޭނީ ވީހާވެސް މަދު ބަޔަކު ލައިގެން މިކަން ކުރުމުން. ކުންފުނިތައް ރީސްޓްރަކްޗާކޮށް، ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނާނެ. ގެނެސް އެ މީހުންގެ ހަރަދުތަކާއި އެއް ވަރަށް މުސާރަތަކާއި އެހެނިހެން ހަރަދުތައް ބެލެހެއްޓުމަށް ކުންފުނިތަކުން ފިޔަވަޅުތަކެއް އަޅާނެ. ދިވެހިންގެ ބަދަލުގައި ބިދޭސީންނަށް އިސްކަންދެވޭނެ،" ޑރ. ޚަލީލް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ، ސަރުކާރުން ކުޑަ އުޖޫރަ ކަނޑައެޅުމަށް ފަހު ދެން އެއްވެސް ކަމެއް ނުކޮށް ތިބޭ ގޮތަކަށް އެ ކަން ނުދާނެ ކަމަށެވެ. ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހު ވެސް އޮތީ އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ބޮޑެތި ޒިންމާތަކެއް ހަވާލު ކުރެވޭ ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުން ކުޑަ އުޖޫރައިގެ ސިޔާސަތު ކަނޑައަޅައި އުޖޫރަ އިއުލާންކޮށްފައި ދެން ހަމަ ބަލަން ތިބީނީއެއް ނޫން. ވަޒީފާތަކަށް ބިދޭސީ މީހުން ނަގާތޯ ވަރަށް ބޮޑަށް ފާރަވެރިވާނެ، އެ ކަން ބަލާނެ. ދެ އަހަރުން ދެ އަހަރުން ކުޑަ އުޖޫރަ ވެސް ޖެހޭނެ މުރާޖައާ ކުރަން. ގާނޫނު ބައްޓަން ކޮށްފައި އެ އޮތީ ސަރުކާރަށް، މިނިސްޓްރީއަށް ޒިންމާތަކެއް ދެވިގެން،" ޔައުގޫބް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބިދޭސީންނަށް ވަޒީފާ ދެމުންދާއިރު ވަޒީފާ ދޭ ފަރާތުން ބަލަން ޖެހޭނެ އަދި އިސްކަން ދޭން ޖެހޭނެ ޝަރުތުތަކެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގައި އޮތް ކަމަށެވެ. އެއީ ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތަށް ކޮލިފައިޑް މީހުން ތިބި ކަމުގައިވާނަމަ، ވިޔަފާރިތަކަށް އެ ކަން އެ ގޮތަށް ކުރަން މެންޑޭޓް ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މި ގޮތަށް ފާހަގަ ކުރެއްވީ، ބައެއް ފަންނީ ދާއިރާތަކަށް ދިވެހިން ލިބުމުގެ ހުރި ދަތިކަން ބައެއް ވިޔަފާރިތަކުން ވެސް ފާހަގަކުރާ މައްސަލައަށް ރިއާޔަތްކޮށްފައި ކަމަށް ބެލެވެއެވެ.

މިނިމަމް ވޭޖާ އެއް ގޮތަށް މުސާރަ ނުދޭނަމަ ކޯޓަށް!

މުސާރައިގެ އެތައް މައްސަލައެއް މިހާރު ވެސް އޮތީ ޝަރުއީ މަރުހަލާގައެވެ. ވަޒީފާގެ ގާނޫނުގައި ބަޔާންވެފައިވީ ނަމަވެސް ބައެއް ކަންކަން ވެފައި އޮންނަނީ ވިޔަފާރިތަކަށް ތަންފީޒު ކުރަން ދަތި ކަންކަމަށެވެ. މިކަމަކީ ރާއްޖޭގެ ގިނަ އިގްތިސޯދީ ތަޖުރިބާކާރުންގެ ބޮޑު ކަންބޮޑުވުމެކެވެ. ކުޑަ އުޖޫރައާއެކު، އަނެއްކާ ވެސް ކުދި ވިޔަފާރިތަކަށް ކުރިމަތި މި ވަނީ އިތުރު ގާނޫނީ ބުރަ ޒިންމާއެކެވެ. ޒިންމާ ނުއުފުލިއްޖެނަމަ، އިތުރު ޝަރުއީ ގޮންޖެހުންތަކެއް ހަމަ ކުރިމަތިވެދާނެއެވެ.

"އެއީ ލިޓިގޭޝަން ކޯސްޓް، މިއީ ވެސް ވަރަށް ބޮޑު ކޯސްޓެއް. ކިހިނެއްތޯ އެ މީހުން ލޯޔަރުންނަށް މުސާރަ ދީގެން އުޅޭނީ. ދަތި އުނދަގުލުން ކުޑަ އުޖޫރަ ދީދީ ތިބެ އެންމެ ފަހަރަކު އަތުން ދޫވިޔަސް މި ދަތިތަކާ ކުރިމަތިލާން މި އޮތީ. އެއީ ހުރިހާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޯޓު ތެރެއިން ހިނގައިދާނެތީ ގާނޫނު ބުނާ މުސާރަ ހޯދަން އެންމެން ދާނެތާ،" އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ކުޑަ އުޖޫރައިގެ ކަންކަން ރެގިއުލޭޓް ކުރަން ހަވާލުކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއާއެވެ.

"ޓްރައިބިއުނަލްއަށް ހުށަހެޅުމުން އަދަބުގެ ގޮތުގައި އޮންނާނެ ޖޫރިމަނާގެ އަދަދުތައް [ވަޒީފާގެ ގާނޫނުގައި]، އަދި އެ މީހަކަށް ދޭން ޖެހޭ ކުޑަ އުޖޫރަ ނުދީ އޮތުމުން އަޅާނެ ފިޔަވަޅު ކަނޑައެޅުމުގެ ބާރާއި އެއްޗެހި މި އޮތީ ޓްރައިބިއުނަލްއަށް." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެ މިނިސްޓްރީއަށް މިފަދަ ކަންކަމުގައި ފިޔަވަޅުތަކެއް އެޅޭނެ ބާރެއް ނެތް ކަމުގައިވިޔަސް، ދިމާވާ މައްސަލަތައް ބަލައި، ގާނޫނު ހަރުދަނާ ކުރަން ޖެހޭނަމަ އެ ކަންކަން، ވަށައިގެން ހިމެނޭ ހުރިހާ ފަރާތެއް ހިމެނޭހެން ބަލަމުންދާނެ ކަމަށެވެ.

ބޭނުންވަނީ ހެޔޮ ނިޔަތެއްގައި މި ކަން ކުރުން!

"ވަގުތު" އާ ވާހަކަ ދެއްކެވި ބައެއް އިގްތިސޯދީ ތަޖުރިބާކާރުން ޚިއްސާ ކުރެއްވި އެއް ވިސްނުމަކީ މިއީއެވެ؛ އެންމެ ކުޑަ އުޖޫރައިގެ ސިޔާސަތު ތަންފީޒު ކުރަމުން ގެންދަން ވާނީ ފިޔަވަހިތަކަކަށް ބަހާލައިގެނެވެ. އޭގެ ބޭނުމަކީ ފުރަތަމަ ފިޔަވަހިތަކުގައި، ކޮންމެ ފަންތިއެއްގެ ވިޔަފާރިއަކަށް ވެސް އެ ކަން ތަންފީޒު ކުރެވޭ ވަރު ބެލެމަށް ފަހު، އޭގެ ތަޖުރިބާގެ އަލީގައި ދެން ހުރި ފިޔަވަހިތަކުގައި އެ ކަން ތަންފީޒު ކުރުމެވެ.

ބިދޭސީންތަކެއް މާލޭގައި މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ބިދޭސީންތަކެއް މާލޭގައި މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"ފުރަތަމަ ވަރަށް ބޮޑަށް ދިރާސާތަކެއްކޮށް ފޭސްތަކަށް ބަހާލައިގެން ގެންދަންވީ. ފުރަތަމަ ކަމަކަށް ބޮޑެތި ވިޔަފާރިތަކަށް މިކަން އެޕްލައިކޮށް މިއިން ފެންނަ ނަތީޖާއަކަށް ބަލައި، ދެން ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިކަން އެޕްލައި ކުރަންވީ. އޭރުން ދޯ ފުރަތަމަ ފޭސްއިން އެނގޭނީ، މިއީ ކިހާވަރަކަށް ރާއްޖޭގައި އެޕްލައި ކުރެވޭނެ ކަމެއްކަން." އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

އިގްތިސޯދީ އެހެން ތަޖުރިބާކާރަކު ވެސް ވިދާޅުވީ ވަރަށް ހަރުދަނާ ވިސްނުންތަކެއްގެ މައްޗަށް މި ކަން ކުރަން ޖެހޭ ކަމަށެވެ. ފުރަތަމަ ކަމަކަށް ކުރު މުއްދަތެއް ކަނޑައަޅައިގެން ކުދި އަދި މެދު ވިޔަފާރިތަކަށް މި ބުރަ އުފުލޭ ވަރެއް ސަރުކާރުން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެއެވެ. އެ ތަންފީޒު ކުރެވޭ ކަމުގެ "ޓެސްޓް ރައުންޑް" އެއް ނެތި، އެ ވަރުގެ ބުރައެއް އުފުލަން ދޫކޮށްލުން އެންމެ ހަމައެއް ނުޖެހެއެވެ.

"ހެޔޮ ނިޔަތެއް ވެސް ނެތީމަ ދިމާވާނެ ކަންކަން،" އޭނާ ވިދާޅުވިއެވެ.

އެހެން ވިޔަސް މެންބަރު ޔައުގޫބް ދެއްކެވި ވާހަކައަކީ މިއީއެވެ. އޭނާ ވިދާޅުވަނީ، ވޭޖާއެކު ރިސޯޓްތަކުން ހަރަދުކުރަން ޖެހޭ މިންވަރު އިތުރުވާނަމަ އެ ވިޔަފާރިތަކަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އޭނާ ފާހަގަކުރެއްވި ކަމަކީ ރިސޯޓްތަކުން ވިއްކާ ޕްރޮޑަކްޓްތަކުގެ އަގު މަތިކޮށްލުމެވެ. އެކަމަކު މިކަން ކުރަންވާނީ ދިރާސާތަކެއްކޮށްގެން ވަގުތު ދީގެން ކަމަށް އޭނާ ވިދާޅުވެއެވެ.

"ރާއްޖޭގެ ރިސޯޓްތަކަކީ ވަރަށް ބޮޑަށް ވަރަށް ޔުނީކް ކޮންސެޕްޓްތަކެއް ވީމަ ސާވިސްއަށް ނޫނީ ކޮލެޓީއަށް ބަދަލުތަކެއް ގެނެސްފައި އެއަށް އެޑްކޮށްފައި އަގަށް ބަދަލު ތަކެއް ގެނެސްފާނެ". އޭނާ ވިދާޅުވީ، މިކަމަކީ ރާއްޖޭގެ އިންފްލޭޝަނަށް އަސަރުކޮށްފާނެ ކަމެއް ނޫންކަމަށެވެ. މިއީ ބޭރު މީހުން އަތުން ނަގާ ފައިސާ އިތުރުކޮށް، ހަރަދުތައް ބެލެހެއްޓިދާނެ ގޮތެކެވެ.

ކޮންމެއަކަސް، ސަރުކާރުން މިހާރު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ނިންމައިފައެވެ. މި ބަދަލާއެކު، އެތައް ބައެއްގެ މުސާރަ ބޮޑުވާނެ ކަން ޔަގީނެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސިވިލް ސާވަންޓުންގެއެވެ. ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ސިވިލް ސާވިސް މުވައްޒަފުންނެވެ. ސަރުކާރަށް ތިން އަހަރުވުމާ ދިމާކޮށް، މިފަހަރު މި އެއްލާލީ "ވަރުގަދަ ތީރެކެވެ". އެކަމަކު، މި ތީރުގެ ސަބަބުން ވާނެ ގެއްލުމާއި ފައިދާ އަންނަ އަހަރު ފެންނަން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސާ

    ދެން ދިވެހިންނައް ވަޒީފާ ލިބުން ދަތިވާނެ. ބަންގާޅީންނައް ވަޒީފާތައް ލިބޭނީ، ނުވިސްނޭ ސަރުކާރުން މީ. ފުރަތަމަ ޖެހޭނީ ބަންގާޅީންގެ މިނިމަން ވޭޖް ކަނޑައަޅާން، ދިވެހިންނައް ވުރެ ބޮޑުކޮއް، ދެން އޭގެ ފަހުން ދިވެހިންގެ މިނިމަން ވޭޖް ކަނޑައަޅާން،

  2. ޚ

    ކީކުރަން ބިދޭސިން އޭކިޔާފަ އަނގަ ނުހުޅުވަ ކޮންމެހެން ނުޖެހޭނެ ދޭކަ ކުޑަ އުޖޫރަ އެއއއ އް އެބާވަރު ތަކަކަށް ހިން ހަމަ ނުޖެހެންޔާ ދާންވި

  3. އަބްދޫ

    އެންމެ ކުޑައުޖޫރައިގެ ވާހަކަޔަކީ ރައްޔިތުންނަށް މާލީ މަންފާއެއް ލިބުމުގެ ބަދަލުގަ ރައްޔިތުންނަށް ގެއްލުންހުރިކަމެއް. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދައްކަމުން އައީ 2004 ންފެށިފެން މިހާރުގެ އެމްޑީޕީގެރައީސް މުހަންމަދު ނަސީދު . އޭނާ އެވާހަކަދައްކަމުންއައީ ސިޔާސީ ބޭނުމެއްގަ ސިޔާސީ އަރަތެއްގެ ގޮތުގަ އެކަން ކަށަވަރުވީ 2008 ގަ ވެރިކަން ލިބި 3 އަހަރުވިއިރުވެސް އެ އުޛޫރަ ކަނޑަނޭޅި އިސްތިއުފާދޭންޖެހުން. މިއަރަތް 2013 ގަވެސް 2018 ގަވެސް ސިޔާސި އަރަތެއްގެގޮތުގާ ކިޔަންފެށި .ރައްޔިތުންގެ ގޮވެލިފަތި ބޮޑުވެ އަދަދެއްކަނޑައަލަން ޖެހުމުން ވީވައުދާ ބައިކުޅަބަޔާ ހަމަޔަށް ވެސް އެވައުދު އުފުލުނު ކަމަކަށް ނުވި. ރާއްޖެއަކީ އާބާދީ މަދު ކުދިރަށް ތަކަށް އާބަދީ ބެހިފައިވާތަނަކަށް ވީހިނދު އެނމެ ކުޑަމުސާރައެއް ގާނޫނީގޮތުން ކަނޑައެޅުމަކީ ހެދުނުގޯހެއް ކަމަށް ވުންގާތް. ރައޔިތުން ގެ އަތުގ ހުރި ފައިސާކޮޅުންވެސް ވިޔަފާރިއެއް ފަށައިގެން އުލެނިކޮށް ސަރުކާރުން ލޯނު ދީގެން ބައެއް މީހުން ވިޔަފާރިފެށުމުން ކުރިން ވިޔަފާރިތަކަށް ލިބެމުނއައި ދުވަހު ސޭލްސް މިހާރުވަނީ ބައިކުޅަބައި ދަށް ވެފަ، ގިނަ ފިހާރަތަކުން ނުވަތަ ގިނަ ވިޔަފާރިތަކުން މުސާރަދެނީ އެމްހެއްގަ ލިބެއާމްދަނީއަށް ނިސްބަތް ކޮށްފަ. އަޅުގަނޑުގެ އަންދަޒާގަ ލަފާކުރާގޮތުގަ ކުރިޔަށް އޮތް 2 އަހަރުގެތެރޭ ސަރުކާރުން ލޯނުދީގެން ވިޔަފާރިފެށި ގިނަބަޔަކު ވިޔަފާރި ހުއްޓާލާނެ. ލޯނުގެ ފައިސާ ކުއްޔަށާ މުސާރަޔަށް ދީ ހުސްވެގެން. މިހާރު ތަިޔަކަނދައެޅި އެންމެ ކުޑަމުސާރައިގެ ސަބަބުން ރައްޔިތުން ސަރުކާރު ދެޖކެ ފޫހިވާނެކަން ކަށަވަރު. ސަބަބަކީ މުިދަލުގެ އަގު 150 % އުފުލިފައިވާއިރު ކަނޑައެޅުނީ ކުރިންވެސް ލިބޭ މިންވަރުގެ އުޛުރަޔަކަށް ވީކަން. މިހާރު ޑޮލަރުގެއަގު މަތި މުދާ އެކްސްޕޯޓް ކުރާ ތަންތަނުން ކޮންޓެއިނަރަކަށް ހަެަދު ކުރަންޖެހޭއަދަދު ވެސް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން މުދަލުގެ އަގު 150 % އަށް ބޮޑުގެގެން ގޮސްފައިވާއިރު ކުޑައުޖޫރަ އަށް މިލިބެނީ ކުރިނވެސް ލިބޭ މިންވަރަށް ވީކަން. މިހާރުގެ މުދަލުގެ އަގުތަކަށް ބަލާއިރު އެންމެ ދަށް މުސާރަ 15000 ރުފިޔާއަށް ކަނޑައެޅެންޖެހޭ. އެކަމަކު ގައުމާއެކަށީގެން ނުވާ މިންވަރަށް ވިޔަފާރިއަށް ލޯނު ދޫކުރުމުގެ ސަބަބުން ހުރިހާ ވިޔަފާރިތަކެއް ވެސް ވަނީ ހީނަރުވެފަ. އެތައްމިލިއަނެއްގެ އަބަދީގަ ކުރާކަންކަން 3 ލައްކަ އާބާދީގަ ކުރަންވެއްޖެ ނަމަ ނަފާލިބުނުގެ ބަދަލުގަ ލިބޭނީ ގެއްލުން. ކުރިޔަށް އޮތް 3 އަހަރުގެތެރޭ އެތައްބައެއްގެ ވަޒީފާ ގެއްލިގެންދާނެ. ދަރަނި އިންތިހައާސް ބޮޑުވެގެން އުލެނީ ގާނޫނުއަސަސީ ނުބައިކޮށް މާނަކޮށްގެން ނަސީދުއާ ވަހީދުއާ ޔާމީނުއާ ސާލިހް ވެސް ގިނަބަޔަކަށް ވަޒީފާދީގެން އަމިއްލަ ނާޖާއިޒަް ފައިދާ ހޯދަން މަސައްކަތް ކުރުމުގެ ނަތީޖާ . މިކަމުގެ ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާއިން ލޯނުޕޭމެންޓާ އިންޓރެއްޓް ގެ ސަބަބަުން ރައްޔިތުންނަށް ގާއިމްކޮށްދޭންޖެ ހޭ ވަސީލަތް ގާއިމް ނުކުރެވި ލަސްވެގެން ދާންޖެހުން. ރާއްޖެއަށް މިހާރު ލިބޭއާމްދަނީއަށް ބަލާއިރު. ރާއްޖެއިން ބޭރުން ބޭސް ފަރުވާއަށް ދާންނުޖެހޭވަރަށް ގައުމުގަ ވަސީލަތް އުފެއދިދާނެ. ނަމަވެސް އެކަން ކުރަން އުޅޭ ތަނެއްނުފެނޭ. މިހާތަނަށް އެކަން ކުރަން ރޭވި މީހަކީ ޔާމީނު. މިހާރު ގައުމު މިވަނީ ނާޒުކު ހާލަތެއްގަ. ވައުދުގެ ނަމުގަ ގައުމަށް ގެއަލުން ކުރަން ހެޔޮނުވާނެ.

  4. ކުޑަ އުޖޫރަ

    މިހާރު ވެސް ރިސޯރޓް ތަކުން ދަނީ ދިވެހިންގެ ބަދަލުގައި ބޭރު މީހުން ނަގަމުން.ބައެއް ރިސޯރޓް ތަކުގައި މިހާރުވެސް ދިވެހިން ނަށް ވުރެ ބޭރުމީހުން ގިނަ ރިސޯރޓް ތަށް އެބަހުރި...ކާކު އެކަން ބަލަނީ؟؟؟؟؟؟؟؟؟؟