ދިވެހިރާއްޖެ ވެސް ހިމަނައިގެން އޭޝިއާ އާއި އަރަބި ގައުމުތަކަށް ވެސް ދަތުރު ކުރަން ސްރީލަންކާ އިން އާއެއާލައިނެއްގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާގެ ތިންވަނަ އިންޓަނޭޝަނަލް އެއާލައިންގެ ގޮތުގައި ދަތުރުތައް ފަށާ އެއާލައިނަކީ ފްލައި ލަންކަން އޭޝިއާ އެވެ. މިއީ އެމެރިކާގެ އިންވެސްޓަރަކު 10 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކޮށްގެން ފަށާ އެއާލައިނެކެވެ. ފްލައި ލަންކަން އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

އެއާލައިންގެ ސީއީއޯއަކަށް ހަމަޖައްސާފައި ވަނީ އެއާލައިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.އަރޯޝާ ފެނާންޑޯއެވެ. ސްރީލަންކާގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ފްލައި ލަންކަން އޭޝިއާ އިން ދަތުރުތައް ފަށާއިރު އިންޑިއާ، ދިވެހިރާއްޖެ، މެލޭޝިއާ، މިޔަންމާ އަދި ދުބާއީ އަށް ދަތުރުތައް ފަށާނެ ކަމަށެވެ.

ފްލައި ލަންކަން އޭޝިއާގެ މައި އެއާޕޯޓެއްގެ ގޮތުގައި ބޭނުން ކުރާނީ ކޮލަމްބޯ އާއި ކައިރި އެއާޕޯޓެއް ކަމަށްވާ ރަތުމަލާނާ އެއާޕޯޓާއި ސްރީލަންކާގެ މައި އެއާޕޯޓް ކަމަށްވާ ކަޓުނަޔަކަ އެއާޕޯޓެވެ. އޭގެ އިތުރުން ޓްރާންސިޓް ކުރުމަށް ރަތުމަލާނާ އެއާޕޯޓް ވެސް ބޭނުން ކުރާނެއެވެ.

ފްލައި ލަންކަން އޭޝިއާގެ އެންމެ ބޮޑު އެއްއަމާޒަކަށް ވާނީ ކާގޯ ކަމަށް އެއާލައިންގެ ސީއީއޯ ވިދާޅުވިއެވެ. ސަބަބަކީ މިހާރު މިސަރަހައްދުގައި ކާގޯ ދަތުރުތައް ކުރާ ސްރީލަންކަން އެއާލައިން އާއި ފިޓްސް އޭވިއޭޝަން އަށް ކޭޓާ ކުރެވޭވަރަށް ވުރެ ކާގޯ އިތުރުވެފައި ވާތީއެވެ.

ފްލައި ލަންކަން އޭޝިއާ އިން ފަސެންޖަރުން އުފުލުމަށް ބޭނުން ކުރާނީ ބޮއިން 737 މަރުކާގެ ފްލައިޓެކެވެ. މިފްލައިޓްގައި 160 އާއި 190 އާއި ދެމެދުގެ އަދަދެއްގެ ފަސެންޖަރުން އުފުލާނެ ކަމަށް ބެލެވެއެވެ.

ފްލައި ލަންކަން އޭޝިއާ އިން ވަނީ ސައުދީ އަރަބިއްޔާ އަށް ވެސް ހާއްސަ ދަތުރުތަކެއް ކުރަން ރާވާފައެވެ. އެދަތުރުތައް ކުރުމަށް ރާވާފައި ވަނީ ޖަކާޓާ އިން މައްތަލަ އެއާޕޯޓަށް އަދި މައްތަލަ އެއާޕޯޓުން ޖިއްދާއަށެވެ.

އަގުހެޔޮ އާއެއާލައިނެއް އޭޝިއާގައި ދަތުރުތައް ފަށާއިރު މިހާރު ވެސް އޭޝިއާ ސަރަހައްދަކީ އަގުހެޔޮ އެއާލައިންތައް ގިނައިން ދަތުރު ކުރާ ވާދަވެރި މާކެޓެއް އޮތް ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    އަދި ޓިކެޓުގެއަގުތައް ހާމަކޮއްލެވޭވަރެއްނުވޭތޯ؟

  2. Anonymous

    މާލެއިން ގުޅޭނެ ނަންބަރު

  3. ބަކަމޫން

    "އަގުހެޔޮ އާއެއާލައިނެއް އޭޝިއާގައި ދަތުރުތައް ފަށާއިރު މިހާރު ވެސް އޭޝިއާ ސަރަހައްދަކީ އަގުހެޔޮ އެއާލައިންތައް ގިނައިން ދަތުރު ކުރާ ވާދަވެރި މާކެޓެއް އޮތް ސަރަހައްދެކެވެ." ހެހެހެ، ވަރަށް އަގު ހެޔޮ، ކޮންމެ ބަޔަކުވެސް ދިވެހިންނަށް ހުންނަނީ ލައްކަ ތަނުން ޖައްސާފަ، ސްރީލަންކަންގެ އެވްރެޖް ފެއާރ ތަކަށް ބަލާލީމަ އިނގޭނެ.