ތުރުކީވިލާތުގައި ކުރެވޭ ހުރިހާ މާލީ މުއާމަލާތްތަކަކުން ރިބާ ނައްތާލުމަށް ފަހު ހަމައެކަނި އިސްލާމީ މާލީ ނިޒާމަށް އަމަލު ކުރާ ގައުމަކަށް އެގައުމު ހަދާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮގާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި އުރުދޮގާން ވިދާޅުވީ އިންޓަރެސްޓްގެ ދިފާއުގައި ވާހަކަ ދައްކާ މީހުންނާއި އެއްފަޅިއެއްގައި އޭނާ އަށް ހުރެވެން ނެތް ކަމަށެވެ. "އާއްމު ރައްޔިތުން އިންޓަރެސްޓް ދައްކަން ނުޖެހޭ ގޮތައް ހުރިހާ ކަމެއް ވެސް އިންތިޒާމް ވެގެން ދާން ޖެހޭނެ. އެކަން އަޅުގަނޑުމެން ކުރާނަން." އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން ވިދާޅުވީ އިންފްލޭޝަން އިތުރުވަމުން އަންނަ އެއްސަބަބަކީ ވެސް އިންޓަރެސްޓް ކަމަށެވެ. އިންޓަރެސްޓް އިތުރުވާ މާލީ މުއާމަލާތްތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި އެކަމުގެ ދަތިކަން ރައްޔިތުން ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށް އުރުދޮގާން ވިދާޅުވިއެވެ. "އަޅުގަނޑު ރައްޔިތުންގެ ހިދުމަތުގައި ހުރިހާ ދުވަހަކު އިންޓަރެސްޓާއި ދެކޮޅަށް މަސައްކަތް ކުރާނަން." އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން ވިދާޅުވީ ރިބާގެ މުއާމަލާތްތައް އެއްވެސް ގޮތަކަށް ނުކުރާ ގައުމަކަށް ތުރުކީވިލާތް ހެދުމަށްޓަކައި އިންވެސްޓްމަންޓްތައް އިތުރުކޮށް ވަޒީފާތައް އިތުރު ކުރަން ޖެހެއެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެއީ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ތުރުކީވިލާތަކީ ރިބާގެ މުއާމަލާތްތައް ނުހިނގާ ގައުމަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ތުރުކީއަށް ވަނީ އިންފްލޭޝަން މައްޗަށް ދިއުމުގެ މައްސަލަ އާއި ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެމައްސަލަ ހައްލު ކުރުމަށް މިހާރު ވަނީ ބޭންކްތަކުން އިންޓަރެސްޓް ރޭޓް ކުޑަކުރަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެންގެ ވެރިކަމަށް އަންނަ މީހުންނަށް މިފަދަ ރަގަޅު ކަންކަމާ ކުރިމަތިލާން ނުކެރެނީ ކީއްވެ؟

    28
    1
    • ނަޒީރު

      ވެރިކަމައް އަންނަނީކީ ނޫން.. ވެރިކަމައް ހޮވަނީ ރައްޔިތުން އަތުން ވޯޓުލައިގެން. ފުރަތަމަ ފަރުލު ފަސްނަމާދުކޮއް ގުރްއާން ކިޔަވާ އަދި އިސްލާމްދީނައް ލޯބިކުރާ ވެރިޔަކު ރައްޔިތުންގެ ދެއަތުން ވޯޓުލައިގެން ހޮވައިގެނެއްނުން.

      11
      1
  2. އިސްލާމިކް ފައިނޭންސް

    ﷲ އަކްބަރު

    24
    1
  3. އަހުމަދު

    ސައްތައިން ސައްތަ މި ދިވެހި ރާއްޖޭގެ ވެރިން ދަންނަނީ ރިބާ، ޖުވާ، އިތުރު ކޮއްގެން ރައްޔިތުން ނިކަމެތި ކޮށްގެން ވެސް ފަރަންޖީން ރުއްސޭތޯ

    11
    1
  4. Anonymous

    އެއީ ﷲގެ ވައުފަށުގައި ހިފައިގެން ތިބި ވެރިންނަކީ. އެފަދަ ވެރިންނަށް ﷲގެ ނަޞްރާއި ކާމިޔާބު ދެއްވާނދޭވެ.
    ﷲގެ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު މިފަދަ ވެރީންނަށް ދެއްވާނދޭވެ. އާމީން.

    16
    1
  5. ޢަލީ

    ރިބާ އައުޓް ގޮވަން ކެރޭ އިދިކޮޅު ބައެއްވެސް ދީނީ ޖަމްޢިއްޔާ އެއްވެސް ނެތް! މިއީ ކޮންމެހެން މިޤައުމުން އައުޓް ކުރަން ޖެހޭ އެއްޗެއް

    2
    2