ސަރުކާރުގެ ޝިޕިންގ ކުންފުނި، މޯލްޑިސް ސްޓޭޓް ޝިޕިންގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އައިސްފިއެވެ.

އެމްއެސްއެސްގެ "އެމްއެސް ގަލޭނާ" މިއަދު ހެނދުނު މާލޭ ކޮމާޝަލް ހާބަރަށް ބަނދަރުކުރުން ފާހަގަކުރުމަށް އެމްޕީއެލްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެސްޓީއޯ، އެމްޕީއެލް އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްއެސްއެސް އިން ބުނެފައި ވަނީ އެކުންފުނީގެ އަމާޒަކީ މާލޭއާއި ކޮލޮމްބޯއާއި ދެމެދު ކޮންމެ 8 ދުވަހަކުން ދަތުރެއް ބޭއްވުންކަމަށެވެ. އެމްއެސްގެ ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.  

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނުގެ އަމާޒަކީ އެކުންފުނިން މިހާރު ބޭނުންކުރަމުން އަންނަ ޗާޓަރު ބޯޓުތައް އެއްކޮށް ދޫކޮށްލުންކަމަށެވެ. މިހާރު ގެނެސްފައިވާ އެމްއެސްއެސް ގަލެނާގެ އިތުރުންވެސް ބޯޓެއް ހޯދުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.