މޮންގޯލިއާއިން ފަތުރުވެރިން ގޮވައިގެން ރާއްޖެ އައުމަށް ދަތުރު ފެށި ފުރަތަމަ ޗާޓަރު ފްލައިޓް މިއަދު މެންދުރު ރާއްޖެ އަތުވެެއްޖެއެވެ.

މި ދަތުރުތައް މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ބާއްވަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ "އޯސަމް މޯލްޑިވްސް" އިންނެވެ

މިއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ގައުމުތަކަށް ހުޅުވާލުމަށް އެ އެޖެންސީން ފެށި މަސައްކަތުގެ ތެރެއިން އިތުރު ބޮޅެކެެވެ. 11 ގަޑިއިރުގެ ދަތުރަކަށް ފަހު މިއަދު މޮންގޯލިއަން އެއާލައިންގެ ޗާޓަރު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ 14:16 ގައެވެ.

މޮންގޯލިއާއިން މިއަދު ރާއްޖެއަށް 108 ފަތުރުވެރިން އައި - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

މި ފްލައިޓްގައި 108 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.މިއަދު އައި ފަރާތްތަކުގެ ތެރޭގައި މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ޓްރެވެލް ބްލޮގާސް އާއި ޓުއާ އޮޕަރޭޓަރުން ހިމެނެއެވެ.

މިއީ ރާއްޖެއާއި މޮންގޯލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. މި ދަތުރުތައް ކުރަނީ މޮންގޯލިއާގެ އުލާންބާތަރް ސިޓީގެ ޗިންގިސް ޚާން އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ.

މޮންގޯލާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ އޯސަމް މޯލްޑިވްސްގެ ފަރާތުން - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

އޯސަމް މޯލްޑިވްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މޮންގޯލިއާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ބޭއްވުމަށް އެ އެޖެންސީން ނިންމިއިރު،މި ދަތުރުތައް ސީދާފަށަނީ އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މާރިޗް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކޮންމެ ހަފްތާއަކުވެސް ފްލައިޓްތައް ބާއްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މޮންގޯލިއާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓްގައި - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

މި ދަތުރުތަކުގައި މޮންގޯލިއާއަށް ދާން ބޭނުންވާ ދިވެހިންނަށްވެސް ރަނުގެ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ. އެގޮތުން އޯސަމް މޯލްޑިވްސްއިން މި ދަތުރުތަކަށް ހާއްސަ ޕެކޭޖްތަކެއް ރާއްޖެއަށް ތައާރަފް ކުރާނެއެވެ.

މޮންގޯލިއާ އަކީ އޭޝިއާ އާއި ޔޫރަޕްގެ އިހްސާސްތައް ކޮށްލަން ދަތުރުކުރާ ފަތުރުވެރިންގެ މެދުގައިވަރަށް މަގުބޫލް މަންޒިލެކެވެ.