ސެންޓާރާއިން ރާއްޖޭގައި އަލަށް ހެދުމަށް ހަމަޖެހިފާ ރިސޯޓް ތަރައްގީކުރަން މާލެ އަތޮޅުން ތިން ރަށް ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ނިންމައި ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.

ސެންޓާރާ ތްރީ އައިލޭންޑްސް ޕްރޮޖެކްޓް ނިންމައި ލެގޫން އެސެޓްސް އާއި ހަވާލު ކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލު ކުރި މި މަސައްކަތް ނިންމައި ހަވާލު ކޮށްފައިވާއިރު، މިއީ އެމްޓީސީސީގެ ތާރީހްގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކޮށްލެވެއެވެ.

26 މިލިއަން އެމެރިކާ ޑޮލަރަށް ޖުމްލަ 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރި މި މަސައްކަތް އެމްޓީސީސީން ނިންމާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން ވައްޓަފަރު ފަޅުގައި އޮންނަ ތިން އާޓިފިޝަލް ރަށެއްގެ ބިން ވަނީ ހިއްކާފައެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ.

މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީ ކުންފުނި އުފެދިގެން އައި ފަހުން އަބަދު ވެސް ބަލަމުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ވީއެންމެ ފުރިހަމައަށް މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށާއި އެކަން ފާއިތުވި ތިން އަހަރު ދުވަހުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.

އާޒިމް ވަނީ ކުންފުނި އުފެދިގެން އައި ފަހުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 64 މަޝްރޫއެއް ނިންމައި އަދި ކުރިއަށް 63 މަޝްރޫއެއްގެ މަސައްކަތް ހިނގަމުން ދާކަން ފާހަގަ ކުރައްވާފައެވެ.

އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައި މި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، ސެންޓާރަ ތްރީ އައިލޭންޑް ޕްރޮޖެކްޓަކީ ވެސް އެކުންފުނިން ވަރަށް ފުރިހަމަ އަށް ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަކުރު

    ފިނޮޅުތަކާ، ގިރިތަކާ، ހާހަލާ، ފަރުތަކާ، ފަޅުތައް ރޮއެ އާދޭސް އެކުރަނީ ތިމާވެށީގެ އަންމަޔާ އައްޕަޔާ ކިބަެިން މިޤަެުމު ސަލާމަތްކޮށް ޑްރެޖަރުތައް މިޤައުމުގެ 6 ފޮޅުން ބޭރު ކޮށްދޭށޭ.

  2. ދަރަނި ދަންތުރަ

    މަހާޖައްރާފަކީ ބޮޑުއިސްރާފެއްކަމަށް ކިނބޫސޯލި ބުނީ ، އެމް ޓީ ސީ ސީ ފަތުއަޑުކިޔާފަ މަސްރޫއުތަށް ތިޔަނިންމަނީ ވިސްނުންތެރި ކަމާއެކު ރައީސް ޔާމީނު އެމް ޓީ ސީ ސީ އަށް ހޯއްދަވައިދެއްވި މެސިނަރީތަކާ މަހާޖައްރާފް ބޭނުންކޮންގެން ސުކުރިއްޔާ ރައީސް ޔާމީން