ދުނިޔޭގެ އެންމެ މަޝްހޫރު، ކާބޯތަކެތި އުފައްދާ ނެސްލޭ ކުންފުނިން ޗޮކްލެޓަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ދީފިއެވެ.

އެޚަބަރަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު "ކިޓް ކެޓް" ޗޮކްލެޓުގެ އާ އުފެއްދުމެއް ބާޒާރަށް ނެރެން އުޅޭ ޚަބަރެވެ. އެކުންފުނިން ބުނެފައިވާ ގޮތުގައި އާދައިގެ ކިޓްކެޓްއާ އެއްގޮތަށް އަލަށް ނެރޭ ޗޮކްލެޓަކީވެސް "ޓްވިން ވެފަރ ބާ"އެއް ކަމަށެވެ. އަދި އެ ޗޮކްލެޓަކީ "ކިޓްކެޓް" ގެ ޗަންކީ ބާރ ގޮތަށް، ހަމަ އެ ސައިޒަށް އުފައްދާ އެއްޗެއް ކަމަށާއި، އެ ޗޮކްލެޓު ވިއްކަން ހަމަޖައްސާފައިވަނީ ފޮށީގައި ކަމަށާއި، ފޮށްޓެއްގައި 20 ޗޮކްލެޓު އޮންނާނެ ކަމަށްވެސް ނެސްލޭއިން ބުންޏެވެ.

ޚަބަރުތައް ބުނާ ގޮތުގައި ފޮށީގެ ތެރޭގައި އެކި ފްލޭވާ ތަކުގެ ޗޮކްލެޓް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ހެޒެލްނަޓާއި ސޯލްޓެޑް ކެރެމަލް އަދި ޑަބަލް ޗޮކް ފްލެވާ ހިމެނެއެވެ.

ކިޓްކެޓްގެ އާ އުފެއްދުން "ކިޓްކެޓް ސެންސެސް" މިއަހަރުގެ ފަހު ކޮޅުގައި ނެރެން ނިންމާފައިވާއިރު، އެ ޗޮކްލެޓާ އެކު ދުނިޔޭގެ އެންމެ ލަގްޝަރީ ޗޮކްލެޓްތަކާ ކިޓްކެޓް އެއްހަމަކޮށް، ފައި ހަމަ ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.