މި އަހަރު މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލި ނަމަވެސް، މަޑުމަޑުން ކުރިއަށްގޮސް، މި އަހަރުގެ ޓާގެޓަށް މިހާރު ވަނީ އަތުވެފައެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

ރާއްޖެ އަށް މި އަހަރު އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ އެއް މިލިއަން ފަތުރުވެރިންނެވެ. އެ ޓާގެޓް ހާސިލްކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1،126،539 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި މިމަހު މިހާތަނަށް ރާއްޖެއަށް 113،611 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް މިހާތަނަށް 2.5 ލައްކަ ފަތުރުވެރިން އައިސްފައިވާެއިރު، އެ ލިސްޓުގެ ދެވަނައިގައި ވަނީ ރަޝިއާއެވެ. އެ ގައުމުން ރާއްޖެއަށް 2.0 ލައްކަ ފަތުރުވެރިން ރާއްެޖެ އައިސްފައި ވެއެވެ. އެ ލިސްޓްގެ ތިން ވަނައިގައި ވާ ޖަރުމަނުން ރާއްޖެ އައިސްައި ވަނީ 81،000 ފަތުރުވެރިންނެވެ.

މިއީ ފަތުރުވެރިކަމުގެ ހައި ސީޒަނެވެ. ރާއްޖޭގެ އައު ރިސޯޓްތައްވެސް ހުޅުވައި، މުއްސަނދި އެތައް ފަތުުރުވެރިންނެއް މި ދުވަސްވަރު ރާއްޖެ އަންނާނެއެއެވެ.

އެހެންކަމުން ބެެލެވޭ ގޮތުގައި ސީޒަނާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. މި ބަދަލާއެކު މި އަހަރު ރާއްޖެއަށް 1.2 މިލިއަނަށްވރެ ގިނަ ފަތުުރުވެރިން އަންނާނެ ކަމަށް ބެލެވެއެވެ.