ގއ. ދެއްވަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

ދެއްވަދޫގައި ހުޅުވި މި ސެންޓަރާއެކު އެ ރަށާއި ރަށުގެ ކައިރި ރަށްތަކުގެ މީހުންނަށް 24 ގަޑިއިރު ބޭންކިންގެ ހިދުމަތްތައް ލިބޭނެއެވެ. މި ސެންޓަރުން ފައިސާ ނެގުމާއި، ޖަމާ ކުރުމާއި، ބިލުތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މި ސެލްފް ސާވިސް އޭޓީއެމް ސެންޓަރާއެކު ގއ. އަތޮޅުގައި މިހާރު ހަތް ސެންޓަރު ހުންނާނެއެވެ.

ދެއްވަދޫގެ އިތުރުން މި ހިދުމަތް ލިބޭނީ ގއ. މާމެންދު އާއި ގއ.ނިލަންދު އާއި ގއ. ގެމަނަފުއްޓާއި ގއ. ކޮލަމާފުއްޓާއި ގއ.ދާންދުއާއި ގއ. ކޫއްޑޫންނެވެ. އަދި އެ އަތޮޅުގެ ވެރިރަށް ގއ. ވިލިނގިލީގައި ބޭންކުގެ ބްރާންޗަކާއި ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ވެސް ހުންނާނެއެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއީ ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ އިންވެސްޓުގެ ދަށުން ހުޅުވި އޭޓިއެމް ސެންޓަރެއް ކަމަށެވެ. މިފަދަ އިތުރު ސެންޓަރުތައް އިތުރު ރަށްތަކުގައި ހުޅުވުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ޓިމް ސޯޔާ ވިދާޅުވިއެވެ.

ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 75 ސެލްފް ސާވިސް އޭޓީއެމް ސެންޓަރާއި 136 އޭޓީއެމް ބީއެމްއެލް އިން ވަނީ މިހާތަނަށް ބަހައްޓައިފަ އެވެ. އަދި 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް އެ ބޭންކުގެ ހިދުމަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.