ބީއެމްއެލްގެ ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ދޭތެރެދޭތެރެއިން ދިމާވާ މައްސަލަ ހައްލުކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި، ބީއެމްއެލް އިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރެވޭ ކަމަށެވެ.

މިގޮތުން، 21 ނޮވެމްބަރުގައި ބޭންކުގެ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ވަނީ ނިންމާލާފައި ކަމަށް ބޭންކުން ބުނެއެވެ. "ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށްވެސް ކުރިމަތިވެދާނެކަމެއް." ބީއެމްއެލް އިން ބުންޏެވެ.

ބޭންކަށް އަންދާސާކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުންވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަންއަންގާފައި ކަމަށާއި ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ މިދަނީ ދިމާވަމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ބޭންކުން މިދަނީ މި މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ވެސް ބޭންކުން ބުންޏެވެ.

ހިދުމަތަށް ބުރޫއަރާ ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށްއެދޭކަމަށާއި އަދި މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    މޯބައިލް އަދި އިންޓަނެޓްގެ ހިދުމަތް ވެސް މިހެން އަޕްގްރޭޑް ކުރުމުގެ ތެރޭގަ މައްސަދިމާވުމަކީ މުޅި ދުނިޔޭގަވެސް ދިމާވާމައްސަލައެއް. އެހެންވީމަ ފޯނުގެ ހިދުމަތާ އިންޓަނެޓްގެ ހިދުމަތް ޑައުންވިއަސް ކަސްޓަމަރުން މާބޮޑުކަމަކަށް ނުހަދާ މަޑުން ތިބުމަށް އެދެން.