މި ރިސޯޓުގައި ފައި ޖައްސާލުމާ އެކު، ފުރަތަމަ ވެސް ހިތަށް އައި ލަފްޒުތަކަކީ މިއީއެވެ؛

ރިސޯޓު "ހިތްގައިމު" ވެފައި ހާދަ "ހިތްފަސޭހަ"އެވެ. ފެހިކަން ގަދަ އެ ރިސޯޓަށް އަބަދުވެސް ސާފު ވައި ލިއްބައިދެއެވެ. ދިވެހި ވަންތަ ހުރިހާ ސިފަތަކެއް މި ރިސޯޓުން ފެނުނެވެ. ދިވެހިންގެ ހުނަރުވެރިކަން ފެންނަނީ އެންމެ ދިމާލަކުން ނޫނެވެ. ހުރިހާ ދިމާލަކުން ވެސް ދިވެހިންގެ ކުޅަދާނަކަން ފެނެއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހެދި މި ރިސޯޓު ދިވެހިންނާ ނުލާހިކު ރަނގަޅަށް ގުޅެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މިއީ %100 ދިވެހިން ހިއްސާވާ ކުންފުންޏަކުން ހިންގާ ރިސޯޓެކެވެ.

ރީތި ހިތްގައިމު އާވީ ނެޗާރސް ޕެރެޑައިސްގެ ރީތިކަން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ދ. އަތޮޅުގައި އޮންނަ ރިސޯޓުތަކުގެ ތެރެއިން ދިވެހިންގެ ރިސޯޓަކީ ވެސް މިއީއެވެ. ވެރިންނަށް ވެސް ތިބީ ދިވެހިންނެވެ. މި ރިސޯޓްގެ ތަންތަނަށް ކިޔަނީވެސް ދިވެހި ނަން ނަމެވެ. މި ނިމުނީ ނޫނެވެ. ރިސޯޓް ހެދުމަކުން މިރަށުން ދިވެހިވަންތަކަން ނެތިގެން ނުދެއެވެ. ރަށު ތެރޭގައި މަގު ދައްކާ ދިނުމަށް ދެފަރާތުގައި ޖަހާފައި ހުރީވެސް ރުށްތަކެވެ. ރަތާއި، ރީނދޫ ސައިމަލާއި އިތުރު އެހެނިހެން ގަސްތަކެވެ. ހިތަށް ހިތްހަމަޖެހުން ލިބެނީ ފެހިކަން ގަދަ ގަސްތަކުންނެވެ.

އާވީގެ ޖެނެރަލް މެނޭޖާއެކު ވަގުތު ކޮޅެއް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މިއީ ދ. އަތޮޅުގެ "އާވީ ނޭޗާސް ޕެރެޑައިޒް" ރިސޯޓް ފެނުނު މަންޒަރުގެ ކުރު ހުލާސާއެކެވެ. މީގެ ކުރިން ފެނުނު ރިސޯޓްތަކާއި ހިލާފަށް ފެހިކަން ގަދަ، ވަރަށް ބޮޑަށް ތިމާވެއްޓަށް ލޯބި ކުރާ ދިވެހިންނަށް ހާއްސަ ތަނަކަށް މި ރިސޯޓުވުމުން މިތަނަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިއްޖެއެވެ. ރިސޯޓްގައި ހޭދަކުރި 24 ގަޑިއިރަކީ ހިތްހަމަ ޖެހޭ އުފާވެރި ވަގުތުކޮޅެކެވެ. ކާރުބާރު ބޮޑު މާލެއިން ބޭރުވެވި ހިތަށް ހަމަޖެހުން ލިބުނު އެއް ދުވަހެވެ.

ފެހިކަން ގަދަ އާވީ ނޭޗާ ރިސޯޓް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ކޮންމެ ތަނެއްވެސް ދިވެހިންނާއި ގުޅިފައި!

ރިސޯޓަށް ފޭބި ތަނުން ޖެޓީން ބައްދަލުވި، ރިސޯޓްގެ ޖެނެރަލް މެނޭޖަރ ޝަމީމް ސަލީމާއި ފުރަތަމަ ދެކެވުނު ވާހަކަތަކުގެ ތެރެއިން އޭނާ މި ރިސޯޓް ސިފަކުރެއްވީ ވެސް ދިވެހިންގެ ރިސޯޓެއްގެ ގޮތުގައެވެ. މިތަނަށް ދިވެހިން ގެންނަން ބޭނުންވާ ކަމުގެ ވާހަކައެވެ. ދިވެހިންނަށް މި ރިސޯޓް ގެއްލިފައި އޮތް ނަމަވެސް މިއީ ދިވެހި ވަންތަ ދިވެހިންގެ ރިސޯޓެއްގެ ވާހަކައެވެ. މި ރިސޯޓުން ދައްކައިދެނީ އަހަރުތަކެއްގެ ކުރީގެ ދިވެހިންގެ ދިރިއުޅުން އެކަމަކު ޒަމާނަށް ފައްތާފައެވެ. ރިސޯޓްގައި ހުރި ފަތުރުވެރިންނަށް ހާއްސަ ކޮޓަރިތަކަކީ ދިވެހި ވަންތައް ކޮޓަރިތަކެވެ. ދިވެހިން ފަރުމާކޮށްފައިވާ ދިވެހި އަތްތެރި ވަޑާމުގެ މަސައްކަތެވެ. ކޮންމެ މަސައްކަތަކީވެސް ދިވެހިންގެ ފަންނުވެރިކަމާއި ގާބިލްކަން ދައްކުވައިދޭ މިސާލެއް ފަދަ މަސައްކަތްތަކެއްކަން އެނގެއެވެ.

ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަށް އަހަރުވި އާވީ ނޭޗާ ޕްރެޑައިސްއާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ، 2018 އަހަރުގެ ތެރޭގައި އޭނާ މި ރިސޯޓާ ގުޅިވަޑައިގެންނެވި އިރު، ފުރަތަމަވެސް ރިސޯޓަށް އަރާ ބަލާލުމުންވެސް މިއީ އޭނާ "އުޅޭނެ" ތަންކަން ސިފަވި ކަމަށެވެ. އޭނާއަށް މި ކޮންސެޕްޓް ވަރަށް ބޮޑަށް ކަމުދިޔައީއެވެ. އެއީ ދިވެހިންގެ މަސައްކަތްތެރިކަން އޭނާއަށް ވަރަށް ބޮޑަށް މި ރިސޯޓުން ފެނިގެން ދިއުމުންނެވެ. އެހެންކަމުން އޭނާވެސް ބޭނުންވީ އޭރަށް ވުރެ ބޮޑަށް މިތަން ދިވެހިވަންތައް ކުރުމަށެވެ. މިއީ ދިވެހިންގެ ވެސް ރިސޯޓަކަށް ހެދުމަށެވެ.

ރީތި ހިތްގައިމު އާވީ ރިސޯޓްގެ ފްރޮންޓް އޮފީސް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އުމުރުގެ ބޮޑުބައި ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރެއްވި ޝަމީމް ވިސްނުން ހުރީ މިތަނަށް ދިވެހި ފަތުރުވެރިން ގެނައުމަށެވެ. މިއީ ހަމައެކަނި ބޭރު "ދޮން" މީހުންގެ ރިސޯޓަކަށް ނުހެދުމަށެވެ. ދިވެހިންނަށްވެސް މި ރިސޯޓަކީ ހިތްގައިމު، އަރާމު އަދި އެ ނޫން އެތައް ކަމެއް މިތަނުގައި ކުރެވޭނެ ތަނެއްކަން މުޅި ރާއްޖެއަށް އެންގުމަށެވެ.

ހިތްގައިމު ރީތީ ހުދު ދޮންވެލި ގޮނޑުދޮށަކާއި، ސާފު މަޑު ނޫކުލައިގެ މި ރަށުގެ މޫދުގައި ވަގުތު ހޭދަކޮށްލާނީ ބޭރު މީހުން އެކަނި ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.

އާވީ ނޭޗާގެ ހިތްގައިމު ގޮނޑުދޮށް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

"މިތަނަށް ދިވެހިންވެސް އައިސް، ދިވެހިން ޗުއްޓީ ހޭދަކޮށް ބީޗް ތަންތަން އެކްސްޕީރިއަންސް ކޮށްލަން މިއޮތީ ރަނުގެ ފުރުސަތެއް، ރިސޯޓްގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ދިވެހިން، ރިސޯޓްގެ ތަންތަނަކީ ދިވެހި ޕްރޮޑަކްޓްތައް، ދިވެހިންގެ އެއްޗެހި ބޭނުންކޮށްގެން، ދިވެހި މަސައްކަތެރިކަން ފެންނާނެ." ޝަމީމް ވިދާޅުވިއެވެ.

ކޮޓަރިތައް ވަރަށް ދިވެހިވަންތައް، ކުރީގެ ހަނދާންތަކެއް!

މި ރިސޯޓްގައި ތިން ކެޓެގަރީގެ ކޮޓަރިތައް ހުރެއެވެ. ކޮންމެ ކޮޓަރިއަކީވެސް ދިވެހިންނާ ގުޅިފައިވާ ދިވެހި ނަން ދީފައިވާ ކޮޓަރިތަކެވެ. އެގޮތުން މި ރިސޯޓްގެ އެންމެ އާދައިގެ ކޮޓަރިއަށް ކޮޓަރީގެ ނަމުން ނަން ދީފައިވާއިރު، އެއީ ޑެކް ވިލާސްއެވެ. ދެން ހުންނަނީ ގޯއްޗެވެ. މިއީ ބީޗް ވިލާސްއެވެ. ގޯތީގެ ތެރޭގައި ވަރަށް ހާއްސަ ކޮޓަރިއެއް ހުރެއެވެ. އެއީ ނިޒާރްބެގެ ގޯއްޗެވެ. މި ގޯތި ހާއްސަ ވަނީ މި އަތޮޅު ރިނބުދޫ ވިނަރެސްގެ ނިޒާރް މުހައްމަދުއަށެވެ. މިއީ އޭނާގެ ދެ އަތުން ތަރައްގީކޮށްފައިވާ މި ރިސޯޓްގެ އެންމެ އަގުބޮޑު ކޮޓަރިއެވެ. މީގެ އިތުރުން ކޮޓަރިކޮޅުގެ ނަމުގައި ބީޗް ވިލާ ސުއިޓް ގާއިމްކޮށްފައިވެއެވެ. ޖުމްލަ 33 ކޮޓަރި މި ރިސޯޓްގައި ގާއިމްކޮށްފައިވެއެވެ. މި 33 ކޮޓަރި ގާއިމްކޮށްފައި ވަނީ ދެ ފަރާތުގައެވެ.

ރީތި ހިއްގާއިމު އާވީ ނެޗާރސް ޕެރެޑައިސްގެ ރީތިކަން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މީގެ ތެރެއިންވެސް ގޯއްޗަކީ ހާއްސަ ކެޓެގަރީއެވެ. ރަށްރަށުގައި ގޯތި ދޫކޮށްފައި ހުންނަ ގޮތަށް ކޮޓަރި ގާއިމްކޮށް ހުސްތަނެއް އޮވެއެވެ. އެތަނުގައި ކޮފީ ބޮވޭނެ ހެން މޭޒު ބަހައްޓާފައިވެއެވެ.

މި ރިސޯޓްގެ އަގުބޮޑު ކޮޓަރީގެ އެންމެ ހާއްސަ ކަމަކީ ދިވެހި އެވޭލާ ހަނދާންތައް މި ކޮޓަރީގައި ވުމެވެ. ކޮޓަރިއަށް ވަތްއިރު، ބިންމައްޗަށް އަޅާފައި އޮތީ ކަށި ވެއްޔެވެ. ކޮޓަރީގެ ކޮންމެ ތަނެއްގައިވެސް ހުރީ ނިޒާރްގެ ކޮންސެޕްޓް ފެނިގެން ދެއެވެ. އޭނާގެ ހިޔާލެވެ. އަލަމާރި އާއި އެހެނިހެން ފަރުނީޗަރު ވެސް ހަދާފައި ވަނީ އަމިއްލަ އަތުންނެވެ. ސޯފާއެއް ގޮތަށް ކޮޓަރި ތެރޭގައި ގާއިމްކޮށްފައި ހުރި އައްޓަކީވެސް ނިޒާރްގެ އަމިއްލަ މަސައްކަތެވެ. ފާހަނަވެސް ބޮޑެވެ. ފާހަނަ ހިޔާކޮށްފައި ހުރިއިރު، ބޮޑު ދެ ރުށް ފާހަނަ ތެރޭގައި ހުއްޓެވެ. ފާހަނައިގައި ގަސްވެސް އިންދާފައި ހުއްޓެވެ. އަދި ގޯތީގެ ފަހަތަށް ދާއިރު، ޖޯއްޔެއް ބަހައްޓާފައި ހުއްޓެވެ. އެއީ އެ ގޭގެ ފެންޑާއެވެ. ފެންޑާގެ ފަހަތުން ހުރީ ގޯތީގެ ހުސް ޖާގައެވެ. ހަނދާންވަނީ ކުޑައިރު ގޭގައި ކުޅެން ހުންނަ ބޮޑު ޖާގައިގެ މަތިންނެވެ.

އާވީ ނޭޗާގެ ނިޒާރްބެ ކޮޓަރީގެ ފާހަނަ :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

"އެކޮޓަރި ހާއްސަކޮށްފައި ވާނީ އަޅުގަނޑުމެންގެ މި ރަށުގެ އެންމެ މުހިންމު މީހެއްގެ ގޮތުގައި ފާހަގަކުރާ ނިޒާރުބެއަށް، މިއީ ނިޒާރުބެގެ ގޯތި، އޭގެ ބޭނުމަކީ ރަށްރަށުގައި ހުންނަ ގޮތަށް ނިޒާރުބެގެ ގޯއްޗަށޭ މިދަނީ، އެވެނި މީހެއްގެ ގޯއްޗަށޭ މިދަނީ. އެހެންވީމަ އެވެސް މި އޮތީ ވަރަށް ބޮޑަށް ދިވެހި ވަންތައް ވެފައި" ޝަމީމް ވިދާޅުވިއެވެ.

ގޯތި ކެޓެގަރީގެ ހާއްސަ ކޮޓަރި، :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އޭނާ ވިދާޅުވީ، މި ކޮޓަރިއަކީ ނިޒާރުބެގެ އަމިއްލަ ކޮންސެޕްޓަށް ކުރީގައި އޮތް ދިވެހި ސަގާފަތް ދައްކުވައިދޭނެ ތަނެއް ކަމަށެވެ. އެއީ ދިވެހި މުސްކުޅި ގޮތަށް ހަދާފައިވާ ކޮޓަރިއެވެ. މިއީ ވަރަށް ލޯތްބައިއެކީ ތަރައްގީކޮށްފައިވާ ކޮޓަރިއެއްކަން އެނގެއެވެ.

އާވީ ރިސޯޓްގެ ގޯތީގަައި ހުންނަ ކޮފީ ބޯ މޭޒު:- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ގޯތި ކެޓެގަރީއަކީ އެންމެ ގިނަ ކޮޓަރި ހުންނަ ކެޓެގަރީއެވެ.

އާވީ ނޭޗާސް ރިސޯޓްގެ ކޮޓަރިއެއް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މީގެ އިތުރުން، ކޮންމެ ކެޓެގަރީއެއްގެ ކޮޓަރިވެސް ފުރިހަމައެވެ. ކޮންމެ ކެޓެރަގީއެއްވެސް ތަފާތެވެ. "ކޮޓަރި" ކެޓެގަރީ މި ހުންނަނީ ރަށުގެ އެންމެ އެތެރޭގައެވެ. ކޮންމެ ކޮޓަރިއެއްގައި ޑެކެއް ހުރެއެވެ. އެ ޑެކް މަތީގައި ކޮފީ ބޯލަން މަޑުކޮށްލެވޭނެއެވެ. ނޫނީ ޑެކް މަތީގައި ހުރެގެން ރަށު ތެރޭ ބަލާލެވޭނެއެވެ. މިއީ ގާޑެން ވިލާވެސް މެއެވެ.

ރިސޯޓްގެ ބިން ބޮޑު، އެކަމަކު ބޮޑު ބައި ގަސްތަކަށް

މި ރިސޯޓަކީ އަށް ހެކްޓަރުގެ ބިމެކެވެ. އެކަމަކު މި ރިސޯޓުގެ ބިމުން ބޮޑުބައި ބޭނުންކޮށްފައެއް ނުވެއެވެ. ގާތްގަނޑަކަށް ފަސް ހެކްޓަރުވެސް އިމާރާތްތަކަށް ބޭނުން ކޮށްފައެއް ނުވެއެވެ. ބޮޑު ޖާގައިގަ އޮތީ ގަސްތަކެވެ. ރުކެވެ. މިރަށް އެހާ ފެހިކަން ގަދައީ އެހެންވެއެވެ.

ރިސޯޓްގެ ކޮންމެ ތަނަކަށް ބަލާލިކަމުގައިވިޔަސް، ތަނުގެ ޑިޒައިނާއި އެއްޗެހި ހަދާފައި ހުރި ގޮތަށް ބަލާލި ކަމުގައިވިޔަސް އެނގެނީ ބޭނުންކޮށްފައި ހުރީ ރާއްޖެއިން ލިބެން ހުރި އެއްޗެހިކަމެވެ. ލަކުޑިއެވެ. ލަކުޑީގެ ބާވަތްތަކެވެ. ރިސޯޓުން އެންމެ ގިނައިން ފެނުނީ ރުށްކަމުން ރުކާއި ގުޅުން ހުރި ގިނަ ބާވްތައް ރިސޯޓްގެ އެކި ދިމާދިމާލުން ފެންނަން ހުއްޓެވެ. ހާއްސަކޮށް ކާއްޓެވެ.

އާވީ ނޭޗާ ޕްރެޑައިސް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އަދި މި ރިސޯޓަށް ދީފައިވާ ނަމުގައި ހިމެނޭ "ނޭޗަރ"އަށް ވަރަށް ބޮޑަށް ބަލާފައިވާ ކަން އެނގެއެވެ. މިރަށަކީ ގަސް ކަނޑާނެ ރަށެއް ނޫނެވެ. ގަސް އިންދާނީއެވެ. މިތަނުގައި ތަންތަން ތަރައްގީ ކުރުމަށް މަޖުބޫރުވެގެން ނޫނީ ގަސްކަނޑާފައި ނުވާކަން ހާމަވެއެވެ. ރަށުގެ ކޮޓަރިތަކާއި އެނޫންވެސް އައުޓްލެޓްތައް ތަރައްގީ ކުރިއިރުވެސް ރުށް އެތަންތަނުގެ އެތެރޭގައި ފެންނަން އެބަހުއްޓެވެ.

"ރޫމްތައް އަޅަން ތަންތަން ސާފް ކުރިއިރު އެ ލޮކޭޝަންތަކުން ލިބުނު ލަކުޑިއާއި އެއްޗެހި ބޭނުންކޮށްގެން ވަރަށް ގިނަ ތަންތަން ތަރައްގީ ކޮށްފައި ހުރީ، މަދުމިނަށް ރޫމް ކޮޅެއް މިހުރީ ތައްޔާރުކޮށްފައި". ޝަމީމް ވިދާޅުވިއެވެ.

ޝަމީމްވެސް ވިދާޅުވަނީ މިއީ ތިމާވެއްޓާއި، ރާއްޖޭގެ ސަގާފަތަށް އެންމެ ރަނގަޅު އެންމެ ފުރިހަމަ ކޮންސެޕްޓެވެ. މިވަރުގެ ރިސޯޓެއް ރާއްޖޭގައި ނެތެވެ.

"ތަންތަން ބިލްޑް ކުރުމުގައި ގަހެއް އެއްޗެއް ރުކެއް އެއްޗެއް ކަނޑާނުލާ ވަނީ ކަމުގައިވަނީނަމަ އެކަންވެސް ވަނީ ކޮށްފައި މިރަށުގައި، ފެންނާނެ ތަންތަނުގެ ފުރާޅުންވެސް ރުކާއި ގަހާއި އެއްޗެހި ސަލާމަތް ކުރުމުގެ ގޮތުން ކަންކަން ކޮށްފައި ހުރި ގޮތް". ޝަމީމް އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ.

މިވަގުތު އިޓަލީގެ ކުންފުންޏަކުން އޮޕަރޭޓް ކުރަމުންދާ މި ރިސޯޓަށް "އާވީ"ގެ ނަމުން ނަން ދެވުނީ ކީއްވެގެންތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދޭނެ ސުވާލެވެ.

"ރާއްޖޭގެ ޓޫރިޒަމް 1970ގެ އަހަރުތަކުގައި ފެށުނު ގޮތް އާކޮށްލީއޭ، އާވީއޭ"މި ރިސޯޓަށް އެ ނަން ދެވުނު ގޮތް ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވިއެވެ.

ރީތި ހިތްގައިމު އާވީ ނެޗާރސް ޕެރެޑައިސްގެ ރީތިކަން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ދިވެހިންނަ އަންނަންވީ ރިސޯޓަކީ މިއީ، މިއީ ގެއްލިފައި އޮތް ޖަވާހިރެއް!

ރިސޯޓްތަކަށް ދިއުމަކީ ވަރަށް އަގުބޮޑު ކަމެއް ކަމަށް ދިވެހިންނަށް ހީވެފައެވެ. އެކަމަކު މިއީ އެފަދަ ރިސޯޓެއް ނޫނެވެ. ރިސޯޓްގެ ހާއްސަ ކަމަކީ ދިވެހިންވެސް އައިސް އެހާ ބޮޑު ހަރަދުތަކެއް ނުކޮށް އުފާވެރި ވަގުތުކޮޅެއް މިތަނުގައި ހޭދަ ކުރެވުމެވެ.

"އަޅުގަނޑުމެން އެބަހުރޭ ހާއްސަ ޕެކޭޖްތަކެއް ދިވެހިންނަށް ހަދާފައި، އަނެއްކާ ދިވެހިންނަށް މާލެ އިންވެސް މިތާ ކައިރިންވެސް ދިވެހިންނަށް މިތަނަށް އާދެވޭނެ ގޮތް، ޓްރާންސްޕޯޓް ފަދަ ކަންކަންވެސް އަގުހެޔޮކޮށް މިހާރު ކުރެވޭނެ، އަގުބޮޑުކޮށް އަންނަން ވިޔަސް އެ ފުރުސަތުވެސް އެބަ އޮތް ސީޕްލޭން އެބަ އޮތް، އަދި ފެރީ ސާވިސްވެސް އެބަ ހުރި މިތާ ކައިރީގެ ރަށްރަށުން". ޝަމީމް ވިދާޅުވިއެވެ.

އާވީ ނޭޗާގެ ޖެނެރަލް މެނޭޖަރ "ވަގުތު" އާ ވާހަކަދައްކަނީ - ވަގުތު އިމޭޖެސް: އަހްމަދް އަލީ

މިރިސޯޓަށް ދިވެހިން އަންނަންވީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލުމަށް ނޫނެވެ. ދިވެހިން ޕިކްނިކް އަންނަންވެސް މިވަރުގެ ރިސޯޓެއް ނެތެވެ. ނޫނީ ހަފްލާއެއް ބާއްވަންވެސް މިއީ އެންމެ ރަނގަޅު ރިސޯޓެވެ. މި ރިސޯޓްގެ ގޮނޑުދޮށަކީ އެހާމެ ރީތި އަދި ފުރިހަމަ ގޮނޑުދޮށެކެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އާއި ނޭޝަނަލް އިވެންޓްތައް ބާއްވަންވީއެވެ. ރިސޯޓަށް ގުޅައިގެން އެކަންކަން ހަމަޖެހިގެން ދާނެއެވެ.

ޝަމީމް ވިދާޅުވީ، މިއީ ގެއްލިފައި އޮތް ޖަވާހިރެއް ކަމަށެވެ.

"ދިވެހިން މިތަނަށް އައިސް ޗުއްޓީ ހޭދަކުރާށޭ ރިސޯޓަކަށް ވިޔަސް، މިއީ އަގުބޮޑު ތަނަކަށް ނުވާނެއޭ، ތިބޭފުޅުންގެ ޖީބަށް ބަރު ނުވާވަރުގެ ޕެކޭޖްތަކެއް ހަދާފައި ހުންނާނީ" ޝަމީމް ވިދާޅުވިއެވެ.

އާވީ ނޭޗާ ޕެރެޑައިސްގެ ޖެނެރަލް މެނޭޖަރ އަދި އެޗް އާރް މެނޭޖަރ :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މީގެ އިތުރުން މިރިސޯޓަކީ ހިތްގައިމު، އަރާމު އަދި އެ ނޫން އެތައް ކަމެއް މިތަނުގައި ކުރެވޭނެ ތަނެކެެވެ. ހަމަ އެއާއި އެކު ދެހިތެއްގެ ގުޅުމުން ގުޅިލާމެހެމުންދާ ދެއާއިލާ ގެ ކައިވެނީގެ ހަފްލާ ތަކަކީ ވެސް އާވީގެ ޢާއިލާއިން މަރްހަބާ ކިޔަމުންދާ ކަންކަން ކަން ފާހަގަކޮށްލަން ޖެހެއެވެ.

ދޮންހިޔަލައާއި އަލިފުޅުގެ ޒަމާންވީ ލޯބީގެ މިސާލުތަކަކީވެސް ހަރު އަޑުން އާވީގެ ގިނަސޮފްހާތަކުން ފޭދިގެން ދާ ސޮފްހާތަކެކެވެ.

ކައިވެނީތަކުގެ ގޮށް ޖަހާލުމަށްޓަކައި އާވީން ވަރަށް ހެޔޮ އަގުތަކެއްވެސް ވަނީ އިއުލާނު ކޮށްފައެވެ.

ވަރަށް ތިމާވެށި!

މިއީ ތިމާވެއްޓާއި ރައްޓެހި ރާއްޖޭގެ އެންމެ ރީތި އެއް ރިސޯޓަށް ވާނެއެވެ. ގަސްގަހާއި ގެހި ގިނައެވެ. މީގެ އިތުރުން މި ރިސޯޓްގައި ފާހަގަވި ކަމަކީ ދޫނިތަކަށް ހާއްސަކޮށް ތަންތަން ގާއިމްކޮށްފައިވާކަމެވެ. ދޫނިތަކަށް އަށިތައް ގާއިމްކޮށްފައި ވެއެވެ. އަދި އެތަންތަނުގައި ދޫނިތައް ބިސް އަޅާ ހަދައެވެ. ބިންމައްޗަށް ވެއްޓޭ ކާށިތައް ރިސޯޓްގެ އެކި ކަންކަމަށް ބޭނުން ކުރެއެވެ. އެގޮތުން ރިސޯޓްގެ އެކި ތަންތަނަށް ދެވޭ މަގުތައް ދައްކައި ދިނުމަށް ކާށީގައި ލިޔެފައި މަގުތަކުގައި ބަހައްޓާފައި ވެއެވެ.

ޝަމީމް ވިދާޅުވީ، ރިސޯޓްގެ ގަސްގަހުން ވެއްޓޭ ބޮޑެތި ކުނިތައް ފިޔަވާ އެހެން ކުނިތައް ހުންނާނީ އެ ވެއްޓޭ ތަނެއްގައި ކަމަށެވެ. އެކަންކަމަށް މާބޮޑަށް އަޅާވެސް ނުލާނެއެވެ. ރިސޯޓްގައި ރީޔޫސް ރީސައިކަލްއަށްވެސް ވަރަށް ބޮޑަށް އިސްކަން ދޭކަން އޭނާ ފާހަގަކުރެއްވިއެވެ. މި ރިސޯޓަކީ ތިމާވެއްޓާއި އެހާ ރައްޓެހި ރިސޯޓަކަށް ވުމުން އެވޯޑް ތަކެއްވެސް އެ ދާއިރާއިން ލިބިފައި ވެއެވެ. އެގޮތުން ނޭޝަނަލް ރީޖަނަލް ރިސޯޓް ގްރީން އެވޯޑްގެ ޓްރޮފީ މި ރިސޯޓަށް ލިބިފައި ވެއެވެ. އަދި ބެސްޓް ނެޗުރަލް ސްޕާ އެވޯޑް ލިބިފައި ވެއެވެ.

އާވީ ނޭޗާއަށް ލިބިފައި ހުރި ބައެއް އެވޯޑްތައް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ރިސޯޓްގައި ހުރި ތަންތަނަށް ދީފައިވާ ދިވެހި ނަންތައް!

މި ރިސޯޓަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނާއި ގުޅިފައިވާ ރިސޯޓަކަށް ވާއިރު ރިސޯޓުގެ ތަންތަނަށް ދީފައިވާ ނަންތަކަކީވެސް ދިވެހި ނަންތަކެވެ. އެގޮތުން ރިސޯޓްގައި ގާއިމްކޮށްފައިވާ މެއިން ރެސްޓޯރެންޓަށް ދީފައިވާ ނަމަކީ ވީރުއެވެ. އަލަކާޓް ރެސްޓޯރެންޓަށް ވަރަބަދި ދީފައިވާއިރު މެއިން ބާއަށް ދީފައިވާ ނަމަކީ ވަކަރު ބާއެވެ. އަދި އިރުއޮއްސޭ މަންޒަރު ބަލަން މީހުން ތިބޭ ގޮނޑުދޮށުގައި ގާއިމްކޮށްފައިވާ ބާއަށް ދީފައިވާ ނަމަކީ އާވި އަށިއެވެ. އަދި ރަށުގެ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ އަށިތަކަށް ވެލި އަށި އަދި ކޮވެލި އަށީގެ ނަމުން ނަން ދީފައި ވެއެވެ. އަދި ރިސޯޓްގައި ހިންގާ ޑައިވް އެންޑް ވޯޓާ ސްޕޯޓް ސެންޓަރަށް ގުރުވާ ޑައިވްގެ ނަމުން ނަން ދީފައިވާއިރު، ސްޕާއަށް ދީފައިވާ ނަމަކީ ވިންދުއެވެ.

އާވީ ނޭޗާގެ ރެސްޓޯރެންޓް، ވީރު :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މި ރިސޯޓަކީ އެކްސްކާޝަންތައް ބާއްވާ ރިސޯޓެއް ކަމުން ފަތުރުވެރިން އާއްމުކޮށް އުޅެނީ އެކަންކަމުގައެވެ. އެގޮތުން ޑައިވް ކުރުމާއި،ސޭންޑް ބޭންކް އާއި ޑޯލްފިން ކްރޫޒް އާއި ސަންސެޓް ފިޝިންގް ކަހަލަ އެކްސްކާޝަންތައް މި ރިސޯޓުން ކުރިއަށްގެންދެއެވެ. އަދި މި ރިސޯޓްގައި ގާއިމްކޮށްފައިވާ ސްޕާއަކީ ދިވެހި ބާވަތްތައް ބޭނުންކޮށްގެން ދިވެއްސެއްގެ ބެލުމުގެ ދަށުން ހިންގާ ސްޕާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ފުރުސަތު!

މިރިސޯޓަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ފުރުސަތު އޮތްތަނެއްވެސް އަނެއްކާވެސް ހަނދާންކޮށްލާނަމެވެ. އެގޮތުން މިތަނަށް ދިވެހި އުފެއްދުންތައް ގެނެސް ވިއްކޭނެ މަގުވެސް ތަނަވެސްކޮށްފައި ވެއެވެ. ބޭނުންވަނީ ޕްރޮޑަކްތައް މިތަނަށް ގެނައުމެވެ. ދިވެހި އުފެއްދުންތައް އެ މީހަކު ބޭނުންވާ އަގެއްގައި ވިއްކޭނެއެވެ.

އާވީ ނޭޗާސްގެ ރީތި ގޮނޑުދޮށް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

"ދިވެހިންނަށް ފުރުސަތުތައް ދީގެން، ދިވެހިން ކުރާ މަސައްކަތްތައް، ދިވެހިން ހަދާ އެއްޗެހި މިތަނުގައި ވިއްކަން އަޅުގަނޑުމެން ބޭނުންވޭ، ދިވެހި މަހުގެ އުފެއްދުންތަކާއި އަތްތެރި މަސައްކަތްތަކާއި އެއްޗެހި، މިއީ އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކަމެއް، ދިވެހިންނަށް ފުރުސަތު ދީގެން، ކޮންމެ ރަށަކުންވެސް ނޫނީ ކޮންމެ މީހަކުވެސް މިކޮޅަށް ދުރުވަންވީ އެބޭފުޅުންގެ ޕްރޮޑަކްޓެއް ހިފައިގެން، އެބޭފުޅުން މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ މާކެޓް ކުރާކަށް، އަޅުގަނޑުމެން މާކެޓްކޮށްދޭނަން، އަޅުގަނޑުމެން މިތާ ގެސްޓުންނަށް ދައްކަ ދޭނަން، އަޅުގަނޑުމެން މިތަނުގައި އެއްޗެހި ބަހައްޓައިގެން އެބޭފުޅުންނަށް އެ އެއްޗެހި އިޝްތިހާރުވެސް ކުރާނަން." ޝަމީމް ވިދާޅުވިއެވެ.

ރިސޯޓްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އެ ފުރުސަތުވެސް ދިވެހިންނަށް އޮތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައްވެސް އެބަ އޮތެވެ. ވަޒީފާއަށް ދިވެހިން ނަގަން އެ ކުންފުނިން ބޭނުން ވެއެވެ.

ކޮވިޑް-19ގެ ޕެންޑެމިކްއާ ހެދި ބަންދުކޮށްފައި އޮތުމަށްފަހު އަލުން މި ރިސޯޓް ހުޅުވީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ.

ކޮންމެއަކަސް މާލޭގެ ހާސްބޯ ދިރިއުޅުމުންނާއި އަދި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ހަމަނޭވާއެއް ލުމަށް ރިސޯޓްގައި ޗުއްޓީއެއް ހޭދަކޮށްލުން އެއީ އެންމެ ރަނގަޅު "ފަރުވާއެވެ." ޖީބަށް ލުއި، ހަށިގަނޑަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް "ފަރުވާއެއް" ދިނުމަށް އާވީ ނޭޗާސް ޕެރެޑައިސް އަށްވުރެ ވަކިން ރަނގަޅު އެހެން ހޮވުމެއް ނެތެވެ. އެއީ އަގާއި ހިދުމަތުގެ ގޮތުން ބެލިއަސް މެއެވެ.

 

7906600

[email protected]

[email protected]

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިގަލިބެ އާއި ފުރަބެ

    ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ ތައް އަދިވެސް އިޔާދަ ނުކުރޭ ރަށްތައް ހުޅުވި ފަހުން އޮިއުޕަންސީ %90 އިން މަތީގައި. ޙެޔޮވާނީ ކިހިނެތް! ޥަގުތު އިންވެޓިގޭޓިވް ޖާރނަލިސްޓުން ފޮނުވާގެން ނަމަވެސް މިކަން ކޮށްދެއްވަން ވީނުންތޯ. ސަރުކާރު ހިރުވާވެސް ނުލާ..ވަގުތު ކުދިންގެ މަސައްކަތުގައި ބަރަކާތް ލައްވާށި. ޢާމީން!

    28
    1
  2. އަހްމދުު

    ރަނަގަޅުވީސް ލޯކަލް ރޭޓް މެންށަން ކޮށްލިނަމަ

    50
    3
  3. ޝައްފަ

    ކޮބާ ތަ އަގުތައް؟؟؟

  4. ލަމްޔާ 1

    ދިވެހިންނަށް ހިލޭ ހިއްސާދޭން ހެދި ރިސޯޓު ފޭރި ގަނެއްޖެ..

    ހެޔޮނުވާނެ މިއަތޮޅު ރައްޔިތެއްގެ ހައިސިއްޔަތުން މިކަން ބަލާލަދެއްވަ ފާނަންތޯ !

    ސޭޓުގެ ޓްރާންސްޕޯޓު ވަޒީރު އާއި މައުސޫމް ވެގެން ހަމަ ފޭރިގަތީ ....

  5. އަހުމަދު

    ޢިބޫ ސަރުކާރުން މިރަށް ފޭރިގަނެފަ ފާފު މެމްބަރު ދޮންބިލެއް އަހުމަދަށް ދީފި ކަމަށް ޓުއަރިސްމް މިނިސްޓަރު މައުސޫމު ބުނެފި.

    ހުއްދަނެތި 2 ދިވެއްސެއް ތިބީ ތަންހިންގަނީ ހުއްދަ ނެތި ރައޔިތުންގެ ތަނެއް ފޭރިގަނެގެން...
    މެންބަރު ސޮއިކޮއްފަ މިނިސްޓްރީގަ ފޮޓޯތައް ބައިވަރު.. #އާސްކްމައުސޫމް ޓުއަރިސްމް