މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ނޮވެމްބަރު މަހުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 144،725 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ 2019 އަދި 2020 ވަނަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4،824 ފަތުރުވެރިން އައިސްފައިވެއެވެ.

މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު މިލިއަނަކަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ އަންދާޒާ ކުރިވަރަށްވުރެ އިތުރު އަދަދެކެވެ. މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ގިނަވެފައި ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ މަގު ހަމަޖައްސައިދިނުމެވެ.

މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަން ހުރަސް ކުރިއިރު، މިހާރު އަންދާޒާ ކުރަނީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އިންޑިއާއެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތްއިރު، ތިން ވަނާގައި އޮތީ ޖަރުމަނެވެ.

ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދުތައް މިހާ ބޮޑަށް އިތުރުވެފައިވަނީ މީގެ ކުރިން ރާއްޖެ އަށް އަންނަ އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ މާކެޓް ނުލާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގައި މިވަގުތު 167 ރިސޯޓެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި 797 ގެސްޓް ހައުސްއެއް އޮޕަރޭޓް ކުރަމުންދާއިރު، 157 ސަފާރީއެއް އޮޕަރޭޓް ކުރަމުންދާކަން ފާހަގަަކޮށްލަން ޖެހެއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ނަމްބަރުތަކުން ދާއިރާއަށް އުއްމީދީ ކުލަވަރުތަކެއް ފެންނަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު