ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް މ. ދިއްގަރުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ދިރާގުން ބުނީ މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްވަނީ ދިއްގަރުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށް ކަމަށެވެ.

އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބޭނެއެވެ. މިގޮތުން ދިއްގަރު ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. މިގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތަ އަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 67 ރަށެއް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ 100 އަށް ވުރެ ގިނަ ޓީވީ ޗެނަލްއާއެކު ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ރާއްޖޭގެ 77 ޕަސަންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުގެ ބައެއް ޗެނަލްތައް:

  • މަޝްހޫރު ޑިޒްނީ ޗެނަލްތައް
  • ސްޓާ ނެޓްވޯކްގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނަލްތައް
  • ސޮނީގެ އެންޓަޓައިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް
  • ފެކްޗުއަލް އެންޓަޓައިންމަންޓް ޗެނަލްތައް
  • ހިސްޓަރީ ޗެނަލްތައް
  • ޑިސްކަވަރީގެ ޗެނަލްތައް
  • ލައިފްސްޓައިލްގެ ޗެނަލްތައް
  • ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް
  • ދީނީ ޗެނަލްތައް

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު