ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ތެރޭގައި ދިމާވި މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ އެ ކުންފުނީގެ ސީއީއޯ ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެއެވެ.

ބޭންކުގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ތެރޭގައި ގިނަ ހިދުމަތްތަކަށް ބުރޫއެރިއެވެ. އަދި ބައެއް ހިދުމަތްތައް ހޯދުމުގައި ލަސްތަކެއްވެސް ދިމާވިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓިމް ވިދާޅުވީ އަޕްގްރޭޑިންގެ ތެރޭގައި މައްސަލަ ދިމާވާން ޖެހުނު ސަބަބު ހޯދައި އެކަން ރިވިއު ކުރަމުންދާ ކަމަށެވެ. އަދި އެކަން ތަކުރާރުވެ ނުދިޔުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވިއެވެ. ޓިމް ވިދާޅުވި ގޮތުގައި އަޕްގްރޭޑް ކުރުމުގެ ތެރޭގައި ދިމާވި މައްސަލަ މިހާރު ވާނީ އެއްކޮށް ހައްލުކޮށްފައެވެ. އަދި ދެން ހިދުމަތްތައް މެދުނުކެނޑޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"މައްސަލަ މިހާރު ވާނީ ހައްލުކޮށްފައި. ދެން އިތުރަށް މި ފަދަ ކަމެއް ދިމާނުވާނެ" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ހިދުމަތްތަކަށް ބުރޫއެރި ދަނޑިވަޅުގައި ޓްރަންސެކްޝަނުގެ އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ އިންޓަނެޓް ނުވަތަ ބީއެމްއެލް އެޕް މެދުވެރިކޮށް އެކަން އެންގުމަށް ޓިމް ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ. އަދި ހިދުމަތްތައް ހޯދުމުގައި ދިމާވި ދަތިތަކަށް އޭނާ ވަނީ މާފަށް އެދިވަޑައިގެންފައެވެ.

ޓިމް ވިދާޅުވީ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މެއިންޓަނަންސްގެ މަސައްކަތް ކުރިއަށް ގެންދާއިރު ކޮންމެވެސް ވަރަކަށް ހިދުމަތްތަކަށް ބުރޫ އަރާފާނެއެވެ. އެކަމަކު އެކަން ކުރިޔާލާ ކަސްޓަމަރުންނާ އަންގާނެކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު