ބީއެމްއެލްގެ ހޯމް ލޯނާއި މަތީ ތައުލީމް ހާސިލްކުރަން ދޫ ކުރާ، ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ނުވަ އިންސައްތަ ދަށްކޮށްފިއެވެ.

މި ބަދަލާއެކެ މި ރޭޓް ވެގެން ދާނީ ރާއްޖޭގައި ހޯމްލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ބީއެމްއެލުން ބުނީ ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސްކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާރޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެއެވެ. މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މީގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލުގެނެސް ކަސްޓަމަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓްތަކަށްވެސް މި ބަދަލުތައްވަނީ ގެނެސްފައެވެ.

ބޭންކުން ބުނީ ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން މިވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕާސަނަލް ލޯނުތަކަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހޭޅޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ ކަމަށެވެ. ތިން މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ ކަމަށް ޓިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު