ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6200 އިން މައްޗަށް އަރައި އެއް ދުވަހެއްގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުން އާ ރެކޯޑެއް ގާއިމްކޮށްފިއެެވެ.

މިއީ ފަތުުރުވެރިކަމުގެ ސީޒަން ކަމުން ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ވަރަށް ބާރުު ބޮޑެވެ. އަދި ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދުތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަދު ޓޫރީޒަމް މިނިސްޓްރީން ބުނީ، މިދިޔަ އާދީއްތަ ދުވަހަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ކަމަށެވެ. އަދި އެ ދުވަހު ރާއްޖެއަށް 6269 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ.

އެ މިިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އޮކްޓޯބަރު 16 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 6197 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އޮގަސްޓް ހަތް ވަނަ ދުވަހު 6083 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެފައި ވަނީ، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ފަސޭހައިން ރާއްެޖެ އާދެވޭނެ މަގު ތަނަވަސް ވުމުންނެވެ.

ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،162،425 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ރާއްޖެއިން މި އަހަރު އަންދާޒާކޮށްފައި ވަނީ އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ނަމަވެސް އެ އަދަދު އޮކްޓޯބަރު މަހު ކަޑައްތުކޮށް މިހާރު ޓާގެޓްކޮށްފައި ވަނީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.