މި އަހަރުގެ ނޮވެމްބަރު މަހު މީރާއަށް 1.24 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %168.4 އިތުރު އަދަދެއް ކަމަށެވެ. އަދި މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %51.8 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރު ނޮވެމްބަރު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރު އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

މިގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރާއި އަޅައިބަލާއިރު، މި އަހަރު އޮކްޓޯބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ހަތް ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެފައި ވެއެވެ.

މީގެ ސަބަބަކީ މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިިދޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މި އަހަރު ނޮވެމްބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

މި ފީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބިފައެއް ނުވެއެވެ.

މި އަހަރުވެސް ނޮވެމްބަރި މަހު ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.2 ނުވަތަ 773.23 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %6.5 ނުވަތަ 80.99 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ (%6.2)، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ (%6.1، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.2 މިލިއަން ރުފިޔާ (%3.6) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ (%15.4) ލިބިފައިވެއެވެ.

މި އަހަރު ނޮވެމްބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.