ކަރުދާސް ކޮތަޅު ބޭނުން ކުރުމުން ފައިސާ ލިބޭ ޕްރޮމޯޝަނެއް ހއ.ދިއްދޫގައި ހުންނަ "ލިބޭ-3" އިން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެފިހާރައިގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި އެފިހާރަ އިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

"ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ބޭނުން ކުރައްވާ ކޮންމެ ބޭފުޅަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ. ޕްރޮމޯޝަންގައި އިނާމެއްގެ ގޮތުން އަޅުގަނޑުމެން މިދަނީ ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 1000 ރުފިޔާ. ހަމަސް ދުވަސް ވަންދެން މިޕްރޮމޯޝަން ކުރިއަށް ދާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ-03" އިން 20 ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރިއެއް ކުރައްވާ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅު ދިނުން މިއަދުން ފެށިގެން ވަނީ އެއްކޮށް ހުއްޓާލާފައެވެ. ނަމަވެސް އެއަށްވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއެއް ކުރައްވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންވާނަމަ ޕްލާސްޓިކް ކޮތަޅު ވެސް ލިބޭނެއެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖޭގައި ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެރުފިޔާގެ ޓެކްސްއެއް ނަގާށެވެ. އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ހުއްޓުވަން ސަރުކާރުން ވެސް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.