ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑު ރާއްޖޭން ހާސިލްކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާއި ވާދަކޮށްގެންނެވެ. ރާއްޖެއާ ވާދަކުރި އެހެން މަންޒިލްތަކުގެ ތެރޭގައި، އާޖެންޓީނާ، ބްރެޒިލް، ކޮލަމްބިއާ، ދުބާއީ، ގްރީސް، ސްޕެއިން، މެކްސިކޯ އަދި ވިއެޓްނާމް ފަދަ މަގުބޫލް މަންޒިލްތައް ހިމެނެއެވެ.

ރާއްޖެއަަށް މި އެވޯޑު ލިބުނުކަން ހާމަކޮށް އެމްއެމްޕީއާރްސީއިން ކުރި ޓްވީޓެއްގައި ވަނީ ޖެހި ޖެހިގެން ދެ ފަހަރު މި އެވާޑު ހާސިލް ކުރުމަށް މަސައްކަތްކޮށް އެހީތެރިވެވިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

 

ނަވާރަސްތޭކަ ނުވަދިޔަ ތިނެއްގައި ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑުކަން ފާހަަގަކޮށްލަން ޖެހެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ވަނީ ދުނިޔަވީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބައިވަރު އެވޯޑްތައް ލިބިފައެވެ. މިގޮތުން ރާއްޖެއިން ވަނީ މިދިޔަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބުކޮށްފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.