ވޭތުވެދިޔަ ފަސް މަސް ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި ފްލައިޓުގެ އަދަދު 11 ޕަސެންޓް
އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

 

ވީއައިއޭ ހިންގަމުން އަންނަ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ފުރަތަމަ ފަސް މަސް ދުވަހު 22،000 ފްލައިޓް އެއާޕޯޓަށް ޖައްސާފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރުވުމެއް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއާޕޯޓް ބޭނުންކުރި ފަސިންޖަރުންގެ އަދަދުވެސް 2.3 މިލިއަންއަށް އަރާފައިވާފައިވާއިރު އެއީ ނުވަ ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވެސް ބުންޏެވެ.

އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެއާޕޯޓަށް ގެނައި ކާގޯގެ އަދަދު ވެސް ވަނީ ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އެއާޕޯޓް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ ފެބްރުއަރީ މަހުގައި ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެ މަހު ވީއައިއޭގެ ފްލައިޓް މޫވްމަންޓް ވަނީ ކުރީ އަހަރާ އަޅާ ބަލާއިރު 24 ޕަސެންޓް އިތުރުވެފައެވެ.

ސަރުކާރުން ވީއައިއޭ ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ދަނީ ހިންގަމުންނެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ޕެސެންޖަރ ޓާމިނަލްއާއި އައު ރަންވޭއަކާއި ކާގޯ ޓާމިނަލްއާއި ތެޔޮ ރައްކާކުރާ ނިޒާމުގެ މަސައްކަތްވެސް ކުރާނެއެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.