ކޮންމެ ދޯންޏަކުން ދުވާލަކު ކިރޭނީ ފަސްޓަނު މަސް ކަމަށް މިފްކޯ އިން ނިންމި ނިންމުމަށް އަދިވެސް ބަދަލެއް ނުގެންނާތީ ވަރަށް ގިނަ މަސްވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

މިފްކޯގެ މަސް ބަނދަރުތަކުގައި މިހާރު ވެސް އެތައް ދޯންޏެއް މަސް ކިރަން ކިއުގައި އެބައޮތެވެ. "ވަގުތު" އަށް މައުލޫމާތު ދިން މަސްވެރިޔަކު ބުނީ މީން ދުވަހަކު މަސްވެރިކަން ރަނގަޅު ނުވާވަރަށް މަސްވެރިކަން ރަނގަޅުވިއިރު މަސް ކިރެން ނެތުމުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. "މަސްވެރިކަމަކީ މޫސުމީ ކަމެއް. މިދުވަސްވަރު މަސްވެރިކަން ރަނގަޅުވި ނަމަވެސް އަބަދު މިހެން ނޯންނާނެ. މަސްވެރިކަން ރަނގަޅުވާ ދުވަސްކޮޅު މަސްނުކިރޭނަމަ މިއީ ފޫނުބެއްދޭނެ ގެއްލުމެއް." އޭނާ ބުންޏެވެ.

އިތުރު މަސްވެރިޔަކު ބުނީ މަސްވެރިންނާއިމެދު ސަރުކާރުން އެކަށީގެންވާ މިންވަރަކަށް އަޅާނުލާ ކަމަށެވެ. "ސަރުކާރު އައީ މަސްކިލޯ އަކަށް 35 ޑޮލަރު ހޯދައިދޭނެ ކަމަށް ވައުދު ވަމުން. އެކަމަކު މިއުޅެނީ މަސް ކިލޯއެއް 14 ރުފިޔާ އަށް ވެސް ނުވިއްކިގެން." އޭނާ ބުންޏެވެ.

"ވަގުތު" އާއި ވާހަކަދެއްކި މަސްވެރިޔަކު ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަސްވެރިކަން ރަނގަޅުވި ދުވަސްވަރެއްގައި މަސް ކިރޭނެ ޖާގަ މިފްކޯގައި ނެތުމުން މަސްވެރިންނަށް 2.5 މިލިއަން ރުފިޔާ ދިން ކަމަށެވެ. ނަމަވެސް މިހާރު ނުކިރޭ މަސް ކަނޑަށް އުކާލަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފްކޯ އިން މަސް ގަތުން ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނާނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނާ

    މަސްވެރިންގެ ދަތިތަކައް 2023 ގައި ހައްލެއްހޯދައިދެއްވާނެ ކެތްތެރިކަމާއެކުމަސްވެރިން ތިއްބަވާ މިދުވަސްކޮޅު މިހެންދިމާވި ސަބަބަކީ ޔާމިން ޖަލްސާ ތަކެއްބޭއްވުމުގެ ސަބަބުން ސަރުކާރާއި ސަރުކާރުގެ ހުރިހާ ކުންފުނި ތަކެއްގެ މަސައްކަތް ކުދަކޮއް މަދުޖައްސާލުމައްފަހު ހުރިހާމުއައްޒިފުންވެސް އަވަދިނެތި ޓުވީޓު ކޮއް ނޫސްތަކައްކޮމެންޓުކޮއް އުޅެންހަދައިގެން ވަގުތު ބޭކާރުވޭގެން..ސަރުކާރުން މިއަހަރުވެސް 1200 މަސްރޫއު ފައްޓައިފި ފެލިވަރުބިންވެސް އެއޮއްހިއްކާނިމުނީ މަސްފިނިކުރާ މާސިންގާ ބޯޓުވެސް އެއޮތީ މަސްއެރިންނާއެކު މުޒާހަރާގަވެސް ރައީސްބައިވެރިވެލެއްވީ 2023 ގައި މިސަރުކާރާއެކު މަސްވެރިންތިއްބަވާ ރަގަޅުވާނޭ އަދި ދޯލަރުންވެސް ހަމައަގުލިބޭނެ..

  2. އަބްދޫ

    މަސްބާނާ ދުވަސވަރު ބާނާ ހުރިހާމަހެއް ގަނެވެނޭ ކެޕިސިޓީ ފުޅާކޮށްގެން މެނުވީ މިފްކޯއަށް ފައިދާނުކުރެވޭނެ. ރާއްޖެއަކި ތެޔޮ އެންދުމަކާ ނުލާ ތެލަށް ހަރަދު ނުކޮށް މަސްފިނިކޮށް ބަހެއްޓޭ ގިނަތަންތަން ހެދޭގޮތަށް އޮތްގައުމެއް. އެއީ އަވިން ހަކަތަ ހޯދުމާއި ވައިން ހަކަތަކޯދުން. ވިންޑް ޖަނެރޭޓަރާއި ސޯލާ އިން ކަރަންތް ހޯދައިގެން މަސްފިނިކޮށް ބަހައްޓާ ކޮށާރު ތައް ގާއމްކުރުން. ބާނާ ހުރިހާމަހެއް ގަނެވޭނެ ކެޕިސިޓީ ގާއިމްކުރުނަ. މަސްބާނަންފަށާއިނަމަ ބާނާމަސްކޮޅު ނުކިރިގެންނާއި ކިޔުގަ އެތައްގަޑިއިރު ހޭދަކުރަން ނުޖެހޭގޮތަށް ހެޔޮބަދަލެއް ގެނެވޭ ދުވަހެއްނަދޭ.