އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ނަގަން ފަށާ ޕްލާސްޓިކް ކޮތަޅު ޓެކުހުން ލިބޭ އާމްދަނީ ހޭދަ ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އާމްދަނީ ހޯދަން ހިމަނާފައިވާ އާ ކަންކަމުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުތަކުން ޓެކްސް ނެގުން ހިމެނިފައިވާއިރު، ކޮންމެ ސައިޒެއްގެ ކޮތަޅަކުން ވެސް ނަގަން ނިންމާފައި ވަނީ ދެ ރުފިޔާއެވެ.

ވިޔާފަރިތަކުން މި ޓެކްސް ދެއްކުމަށްޓަކައި، އެ ތަނަކުން ވިޔަފާރި ކުރާ ކަސްޓަމަރ ޕްލާސްޓިކް ކޮތަޅު ހޯދާނަމަ އޭނާގެ އަތުން ދެ ރުފިޔާގެ އިތުރު ޗާޖެއް ނަގާނެއެވެ. ނޫނީ މުދަލުގެ އަގުގެ ތެރެއަށް އެ ދެ ރުފިޔާ ލައި ކޮންމެވެސް ގޮތަކުން އެކަން ހަމަޖައްސާނެއެވެ.

މިހާތަނަށް އައިއިރު، މި ޓެކްސްއާ ގުޅޭގޮތުން ސަރުކާރުގެ ލެވެލްގައި މާ ބޮޑެތި ވާހަކަތަކެއް ދެކެވިފައެއް ނުވެއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވެސް މިހާތަނަށް ހާމަކުރެއްވީ މި ޓެކްސް ނަގާނެ ވާހަކައެވެ. މި ޓެކްސް އިން ލިބޭ އާމްދަނީން ކުރާނެ ބޭނުން ހާމަކޮށްފައެއް ނުވެއެވެ.

މި ޓެކްސްއާ ގުޅޭގޮތުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި އަދި މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އެބަ ހުއްޓެވެ. އިގްތިސޯދާއި ވިޔަފާރިތަކަށް މީގެ ސަބަބުން އަންނާނެ ލޮޅުމާ ގުޅޭ ގޮތުން "ވަގުތު" ގައި ރިޕޯޓެއް ޝާއިއުކޮށްފައިވާނެއެވެ.

"ވަގުތު"އާ ވާހަކަ ދެއްކެވި ގިނަ ވިޔަފާރިތަކުގެ ކަންބޮޑުވުމަކަށް ވެފައި ވަނީ ވެސް މި ޓެކްސްއާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ނުލިބުމެވެ.

މި ޓެކުހުން ލިބޭ އާމްދަނީއިން، ސަރުކާރުން ބޭނުން ކުރާނީ ކޮން ކަމަކަށްތޯ "ވަގުތު" އިން ކުރި ސުވާލުގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަނޫން ވިދާޅުވީ، އަދި އެ ކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ނުނިމޭ ކަމުގައެވެ.

"ނިމުނީމަ އެ މައުލޫމާތު ހިއްސާ ކުރާނަން،" ޝަނޫން ވިދާޅުވިއެވެ.

މި ޓެކްސްއާ ގުޅޭގޮތުން ސަރުކާރަށް ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ. އެއްބަޔަކު ބުނަނީ މި ޓެކްސްއަކީ ސަރުކާރަށް ފައިސާ ހޯދަން، ކުރާ ކަމެއް ކަމުގައެވެ. މިއިން ޕްލާސްޓިކް މަދު ކުރެވޭނެ ވަކި ގޮތެއް ނެތް ކަމުގައެވެ. އަދި މިއީ ސަރުކާރުން ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޕްލާސްޓިކް ކޮތަޅު ޓެކުހުން ލިބޭ އާއްމުދަނީ ހޭދަކުރާ ނަޝީދުމެން ނާޗަރަނގީ ކުޅުމައް... ✌

    9
    1