މި އަހަރު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަތުވެއްޖެއެވެ.

ސަރުކާރުން މި އަހަރު އެންމެ ފުރަތަމަ އަމާޒަކަށް ހެދީ އެއް މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އޭގެ ފަހުން 1.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ވެސް އަމާޒު ހިފިއެވެ. އެންމެ ފަހުން އަމާޒު ހިފީ 1.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މިއަދު ހަވީރު 17:20 ގައި ރާއްޖެ އައި އެ ފަތުރުވެރިޔާއަކީ ރޯމާނިއާއަށް ނިސްބަތްވާ ކޮންސްޓެންޓިން ސްޓެލިއަން އެމިލް ނަމަކަށް ކިޔާ ފިރިހެން ފަތުރުވެރިއެކެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އާއިލާއާ އެކުގައެވެ.

މިއަދު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޮވިޑް-19ގެ ދަތި ދުވަސްތަކަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވަނީ ސީޒަނާއި ދިމާކޮށެވެ.

މިއަދު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ ހަރަކާތްތަކެއް ވެލާނާ އެއާޕޯޓްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އޭނާއަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ވެލާނާ އެއާޕޯޓަށް ވަޑައިގެންފައެވެ.

މިއަދު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭނާ އަށް މަރުހަބާ ކިޔާފައި ވަނީ ސަގާފީ ހަރަކާތްތަކާއިވެސް އެކުގައެވެ.

އަހަރުގެ 1.3 މިލިއަން ފަތުރުވެރިޔާއަށް ހަދިޔާތަކެއްވެސް ދިނުމަށް ވަނީ ނިންމާފައެެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުުރުވެރިން އަންނަނީ އިންޑިއާއިންނެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވި ފަހުން ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެއެވެ. އެއީ 7،098 ފަތުރުވެރިންނެވެ.