ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެކް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ބ. ގޮއިދޫގައި ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ބާބަކިއު ހެދުމަށް ފަރުމާކޮށްފައިވާ މިތަން ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ ހުޅުވާލާފައެވެ. އާއްމުކޮށްފައިވާ ފޮޓޯތަކުން މިތަން ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ.

އެގޮތުން މި ތަން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތަށްހިޔާވާނެ ގޮތަށް ހަޓް ހަދައި، ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ބޭނުންކުރާނެ ބެންޗާއި މޭޒް ބަހައްޓާފައިވެއެވެ. އަދި ކުނި އެޅުމަށް މި ސަރަހައްދުގައި ވަނީ ޑަސްބިންވެސް ބަހައްޓާފައެވެ.

ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ތަރައްގީކުރި ބާބަކިޔު ސަރަހައްދު - ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަަމަށެވެ. އަދި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

"ގޮއިދޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް."ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ތަރައްގީކުރި ބާބަކިޔު ސަރަހައްދު - ފޮޓޯ: ބީއެމްއެލް

ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ވިދާޅުވީ، ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

"މި ޕްރޮޖެކްޓަށް ބޭންކް އޮފް މޯލްޑިވްސް އިން ވެދެއްވި އެހީތެރިކަމަށްޓަކައި ބޭންކަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މި މަސައްކަތް ކާމިޔާބުކަމާ އެކީ ނިންމާލުމުގައި ރަށުގެ އެކި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އެ ފަރާތްތަކަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން". އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަންފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު