ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިތުރަށް ދައްކާ ފައިސާ ރީފަންޑްކުރުމުގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތަކަށް ރީފަންޑް ދޭންޖެހޭ ހާލަތުގައި ރީފަންޑް ކުރާ ފައިސާ ޖަމާކުރާނެ އެކައުންޓެއް ކޮންމެ ޓެކްސް ދައްކާ ފަރާތަކުން ވެސް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓެކްސް ނެގުމުގެ އިދާރީ ގަވާއިދުގެ 69 މާއްދާއަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެ މާއްދާގެ ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނަތީޖާއަކީ ނުވަތަ އިސްލާހުކުރުމުގެ ނަތީޖާއަކީ އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކަފައިވުން ކަމަށް ވާނަމަ އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރިފަންޑު ކުރުމުގައި އަމަލުކުރާނެ ގޮތެއް ވަނީ ކަނޑައަޅާފައެވެ.

މީރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޓެކްސް ދައްކާ ފަރާތްތަކުން އެ ފަރާތަށް ރިފަންޑްކޮށްދޭ ފައިސާ ޖަމާކުރާނެ ބޭންކް އެކައުންޓް އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެެ ކަމަށެވެ.

ރިފަންޑްކޮށްދޭ ފައިސާ ޖަމާކުރާ އެކައުންޓްގެ ގޮތުގައި ބޭންކް އެކައުންޓް ރަޖިސްޓަރީކުރާއިރު، އެކައުންޓްގެ ވެރިފަރާތުގެ ނަމާއި އެކައުންޓް ނަންބަރު އެނގޭ ފަދަ ބޭންކްގެ ލިޔުމެއް އަޕްލޯޑްކުރައްވަން ޖެހޭނެއެވެ.

އަދި ރަޖިސްޓަރީ ކުރަން އެދޭ އެކައުންޓަކީ ޓެކްސް ދައްކާ ފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓެއް ކަމުގައި ނުވާނަމަ، ރިފަންޑް ކުރުމުގެ ބޭނުމަށް ރަޖިސްޓަރީ ކުރާ އެކައުންޓެއްގެ ގޮތުގައި އެ އެކައުންޓް ރަޖިސްޓަރީ ކުރުމަށް ޓެކްސް ދައްކާ ފަރާތުން ހުއްދަ ދީފައިވާ ބޯޑް ރިޒޮލިއުޝަނެއް ނުވަތަ އެކަމަށް ޓެކްސް ދައްކާ ފަރާތުން ހުއްދަ ދޭކަމުގެ ލިޔުމެއް އަޕްލޯޑް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އެކައުންޓް ރަޖިސްޓަރީކުރެވޭނީ ޓެކްސް ދައްކާ ފަރާތުގެ މީރާ ކަނެކްޓް ޕްރައިމަރީ އެކައުންޓުންނެވެ.