ބޭންކް އޮފް މޯލްޑިވްސް އިން ގދ، ހޯޑެއްދޫގައި ކޭޝް އެޖެންޓް ބޭންކިންގް ތައާރަފްކޮށް، 100 އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ޕޭމެންޓް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްްސައިފިއެވެ.

އޭޖަންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެއް ކަމަށް ބޭންކުން ބުނެއެވެ. މި ހިދުމަތް 2015 ވަނަ އަހަރު ފެށިފައިވަނީ ހަމަ އެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ.

ނަމަވެސް މިއަދު، އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ބޭންކުން ބުނީ މި ހިދުމަތާއެކު، ކޭޝް އޭޖެންޓުން މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ދުވާލަކު 2،000 ރުފިޔާ ނެގޭނެ ކަމަށެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރްދީ ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް ކަމަށެވެ.

އަދި މިއަހަރު ތެރޭގައި މި ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން މަސައްކަތް ކުރަމުންދާ ކަމަށް ނޫރްދީ ވިދާޅުވިއެވެ.

ބީއެމްއެލް އިން ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފް ސާވިސް ބޭންކިން ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދެމުންނެވެ.