ޅ. ކުރެންދޫގައި ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ޅ. އަތޮޅުގެ ތިން ރަށެއްގައި މިހާރު ސެލްފް ސާވިސް ބޭންކިން ހިދުމަތް ވަނީ ފަށައިފައެވެ. އެއީ ކުރެންދޫގެ އިތުރުން ޅ. ނައިފަރާއި ޅ. ހިންނަވަރުގައެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ކުރެންދޫގައި ފެށޭ ގޮތްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި އޭޓީއެމް ސެންޓަރުގެ ސަބަބުން ކުރެންދޫ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 77 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 135 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބޭންކިން ހިދުމަތް ދެމުންނެވެ.