މިދިޔަ އަހަރުގެ ޑިސެންބަރު ގައި ލިބުނު ޓެކްސް ފައިސާ ވަރަށް ބޮޑަށް އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. އެގޮތުން މިދިޔަ އަހަރު މީރާއަށް 2.03 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %95.0 އިތުރު އަދަދެކެވެ. އަދި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %45.0 އިތުރު އަދަދެކެވެ.

މީރާއިން ބުނީ އޭގެ ކުރީ އަހަރުގެ މު މުއްދަތާއި އަޅާކިޔާއިރު، މިދިޔަ އަހަރު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ނޮވެމްބަރު 2020 އާއި އަޅައިބަލާއިރު، ނޮވެމްބަރު 2021 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 4 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، މިދިޔަ ޑިސެންބަރު މަހުގައި ލީސްޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޭގެ ކުރީ އަހަރުގެ ޑިސެންބަރު ގައިލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެސަބަބެކެވެ. މި ފީ ޑިސެންބަރު 2020 ގައި ލިބިފައެއް ނުވާ ކަމަށް މީރާ އިން ފާހަގަކޮށްފައި ވެއެވެ.

މިދިޔަ ޑިސެންބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %47.0 ނުވަތަ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ %24.0 ނުވަތަ485.44 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެގޮތުގައި 153.60 މިލިއަން ރުފިޔާ (%7.6)، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ (%4.7)، ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ (4.7%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ (%12.0) ލިބިފައިވެއެވެ.

މިދިޔަ ޑިސެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުފަލެއް ނުވޭ

    އިތުރުވިޔަސް އުފަލެއް ނެތް..އިތުރު ވާވަރަކަށް އަޑި އަޑިން ކާލާ ބައި ބޮޑުވާނެ..ރައްޔިތުންނަށް ދޮން ކަޅުވެސް އަންގާނުލާނެ.

    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް! މި ތަނެއްދޮރެއް ނުދަންނަ ނާގާބިލް ސްލޯ ސަރުކާރަށް ކުރެވޭނެކަމެއްނެތް!! މިސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ ބޭކާރު ޚަރަދުތައްކުރުމާ ބަދަލު ދިނުމާ ވައްކަން ކުރުން!! އެހެންތާވާނީ އީސި ޝަރީފާ ގުޅިގެން ވޯޓުން ވައްކަންކޮށްގެން އައިސްފައިވާ ނަހަލާލު ސަރުކާރެއް ވިއްޔާ!! މިސަރުކާރުން އެންމެ ވައްކަން ކުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަކީ ފައްޔާޒާ އަސްލަމާ ފިނޭންސް މިނިސްޓަރާ އަކްރަމް ކަމާލުއްދީން!! މިއީ ކޮންމެ ކަމަކަށް ބައިއެޅޭ ގޮތަށް ދައުލަތުގެ ޓެކްސް ފައިސާ ކައި ހުސްކުރަމުންދާ މީހުން!! ދެންތިބީ އިންޑިޔާއަށް ގައުމު ވިއްކަމުންދާ މީހުން!! އެއީ ފޮރިން މިނިސްޓަރު ޝާހިދު، އިބޫ، މާރިޔާ އަދި ޝަމާލް! މިސަރުކާރު ބޭރުންކޮށްގެންނޫން ގޮތަކަށް ގައުމަށް ހަމަޖެހުމެއް ކުރުއެރުމެއް އަދި ތަރައްގީއެއްނެތް ލިބޭކަށް!! ނާގާބިލް ބައެއް!