ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭގެ އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުމާއި މައްސަލަތައް ކޯޓަށް ހުށަހެޅުން މެދުކަނޑާލާފައި އޮތް އޮތުން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ނިމުމަކަށް ގެނެސްފިއެވެ.

ޓެކްސް ދެއްކުމުގައި ވިޔަފާރިތަކަށް ދިން ލުއިތައް އުވާލިކަމަށް މީރާއިން ބުނީ އެ އިދާރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓު ސިޔާސަތުގެ ދަށުން މި އަހަރަށް އެކުލަވާލި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައެވެ.

މީރާގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި މައިގަނޑު ފަސް ކަމެއް ކުރަން ރާވާފައި ވެއެވެ. މީރާ އިން އާންމުކުރި މި އަހަރުގެ ޕްލޭނުގައި މީރާއިން ވަނީ ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި، ދައުލަތަށް ނުލިބިވާ ފައިސާ ހޯދަން މީރާގެ އެންފޯސްމަންޓް ޕްލޭންގެ ތެރެއިން ތަންފީޒީ ފިޔަވަޅު (އެންފޯސްމަންޓް އެކްޝަންސް) އަޅާނެ ކަމަށް ބުނެފައި ވެއެވެ.

ޓެކްސް ދައްކަން ވިޔަފާރިތަކަށް ދިން ލުއިތައް އުވާލަން ނިންމީ މީރާއިން ބުނި ގޮތުގައި ކޮވިޑުގެ ހާލަތަށް ފަހު ރާއްޖޭގެ އިގުތިސޯދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅުތައް އެޅުން މީރާއިން ފުރަތަމަ މަޑުޖައްސާލީ ކޮވިޑުގެ ސަބަބުން ރާއްޖެ ފުރަބަންދުކުރުމާއި ގުޅިގެން ވިޔަފާރިތަކަށް ދިން ލުޔެއްގެ ގޮތުގައި އެވެ. އޭރު މި ފިޔަވަޅުތައް އަޅަން މަޑުޖައްސާލި ގޮތަށް މީރާއިން އެއްވެސް ވިޔަފާރިއަކާއި ދެކޮޅަށް ފިޔަވަޅެއް ނާޅަ އެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން އެންމެ ބޮޑެތި ރިސޯޓް ވިޔަފާރިތަކަށް ވެސް ލުއިތައް ދިނެވެ. އެގޮތުން ރިސޯޓްތަކުން ކުލި ދެއްކުން ފަސް ކޮށްދިނުމާއި ޖޫރިމަނާ ދެއްކުން ފަސް ކޮށްދިނުން ފަދަ ފިޔަވަޅުތައް އެޅިއެވެ.

ކޮވިޑް ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެ ގައުމުތައް ހުޅުވާލަން ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ މިހާރު އިގްތިސޯދު އަންނަނީ ހަމައަކަށް އެޅެމުންނެވެ. ނަމަވެސް މިހާރު ފެތުރެމުން އަންނަ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލަތު ބަދަލުވެދާނެ ކަމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ.