މި އަހަރުގެ ފުރަތަމަ 12 ދުވަސް ތެރޭގައި ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން އަތުވެއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އެހެން ނަމަވެސް ރާއްޖެ ވަނީ އެހެން ގައުމުތަކަށް ނަމޫނާ ދައްކައި، ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލައިގެން މަސައްކަތް ފަށާފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަރަށް ބޮޑަށް ވަނީ މައްޗަށް ޖެހިލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެއަށް 12 ދުވަސް ތެރޭގައި 55،055 މީހުން އައިސްފައި ވެއެވެ.

ފަތުރުވެރިކަމުގެ ސީޒަން ފަށައިގެން ކުރިއަށްދާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަކާއި އަޅާބަލާއިރު، އިތުރުވުމެއް ކަމަށް ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އައިސްފައި ވަނީ 36،003 އެވެ. އޭގެ ކުރީ ދެ އަހަރުގެ އަދަދުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އައިސްފައި ވަނީ 67،281 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަހަރު އައިސްފައި ވަނީ 56،186 ފަތުރުވެރިންނެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝީއާއިންނެވެ. އެ ގައުމުން 11،007 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި އެ ލިސްޓުގެ ދެވަނައިގައިވާ އިޓަލީން ރާއްޖެއަށް 4،313 ފަތުރުވެރިން އައިސްފައިވާކަަމަށް ދައްކާއިރު، އިނގިރޭސިވިލާތުން ރާއްޖެ އައި 3،085 ފަތުރުވެރިންނާއެކު އެ ލިސްޓުގެ ތިންވަނައަށް ވަނީ ޖެހިލާފައެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިކަމަށް ދައްކާ އިންޑިއާ އޮތީ ލިސްޓުގެ ހަތަރު ވަނައިގައެވެ. އެ ގައުމުން ރާއްޖެ އައިސްފައި ވަނީ 3،075 ފަތުރުވެރިއެކެވެ.

މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. މިއީ ކޮވިޑް-19ގެ ހާލަތާއި އެކުވެސް ރާއްޖެ އަންނާނެ ކަަމަށް އަންދާޒާ ކުރިވަރަށްވުރެ އިތުރު އަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ކެމްޕޭންތައް ކުރިއަށްދާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ބޭރުގެ ބޮޑެތި ނޫސްތަކާއި ގުޅިގެންވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ކަންކަން ދަނީ ކުރިއަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްތަކެއް ކުރަމުންދާއިރު، މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޓާގެޓް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެޔޮއެދޭ

    ރާއްޖެފަދަ ގިނަ މަންޒިލްތަށްވަނީ ބަންދުވެފަ. ދެވެންއޮތް ތަނަކަށްވެސް ދެވެނީ އެތަށް ދަތިތަކާއިއެކު.އެއީ އެތަން ތަނުގެ ރައްކާތެރިކަމަށްތަކައި. މިރާއްޖެއަށް ގޭޓް ފުޅާކޮށް ބެހެއްޓުން ނޫން ގޮތެއް ނެތް. އެހެންވީމަ ދަތުރުކުރާ އެއްޗިއްސާއި ބަދަރުގަ ޖާގަ އޮތްވަރަކުން މީހުން އަންނާނެ. އެވަރަށް ބަލިވެސް ފެތުރޭނެ.

    8
    1
  2. ޢަބްދުއްލަޠީފު

    މާނައަކީ 12ދުވަސްތެރޭ 100 މިލިޔަން ޑޮލަރު އުފައްދައިފިޔޭ. މިހުރިހާ ޑޮލަރުތައް ވަންނަނީ ކޮންތާކައް ހެއްޔޭ. ޑޮލަރު މެދުވެރިކޮއް ދިވެހިރައްޔިތުންނާ ދެކޮޅައް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ނިމުމަކައް ގެނެސް ތަކެތީގެ އަގު ތިރިކޮއްދޭނީ ކޮން ރައީސެއްހެއްުޔެވެ؟

  3. އެމް ޑީ ޕީ

    ކިހާ ދެރަކަމެއް. ބަޔަކު ޑޮލަރަށް ހޭބަލިވިޔަސް ބޮޑުވަރު. ގޮތެއް ފޮތެއް އުސޫލެއް ނުބަލާ މިތަނަށް ޓުއަރިސްޓުން ބަލި ގެންނަނީ. ރިޒޯރޓް ތަކުގައި ކޮވިޑް ހައްދުން ނައްޓާފަ

  4. ޑައެލޯގް

    ތިޔަކަމުންވެސް ގައުމަށްވާ ފައިދާއެއްނެތެވެ. ހުރިހައި ޑޮލަރެއް އިންޑިޔާއަށެވެ. އެހެންވެ ޑޮލަރުގެ އަގުތިރިނުވެގެން އެއުޅެނީ