ރާއްޖޭގައި ދިރިއުޅޭ ބޭރުގެ މީހުންނަށް ހާއްސަކޮށްގެން ދިރާގުން "ހެލޯ ޕްރީޕެއިޑް"ގެ ނަމުގައި މުޅިން އާ ޕްރީ ޕެއިޑް ޕްލޭނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން "ހެލޯ ޕްރީޕެއިޑް"ގެ ނަމުގައި އެކުންފުނިން ހާއްސަ ޕްރީޕެއިޑް ޕްލޭންގެ ޕެކޭޖުތައް ހާއްސަ ކޮށްފައިވަނީ އެންމެ ގިނައި ބިދޭސީން ރާއްޖެ އަންނަ ގައުމަތަކަށެވެ.

އެގޮތުން، އިންޑިއާ، ޗައިނާ، ސްރީ ލަންކާ، ފިލިޕިންސް، ނޭޕާލް އަދި ތައިލޭންޑުގެ މީހުންނަށް ހާއްސަ މި ޕެކޭޖުން އެމީހުންގެ ގައުމު ނެގުމުން އެގައުމުތަކަށް ހާއްސަ ފައިދާތައް ލިބިގެންދާނެ ކަމަށާއި އަދި އޭގެ އިތުރުން ޕްރީޕެއިޑް އިތުރު އޮފާތައް ވެސް ލިބިގެންދާނެ ކަމަށް ދިރާގުގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހެލޯ ޕްރީޕެއިޑް ނަންގަވާ ކަސްޓަމަރުންނަށް މާޗު މަހުގެ 31ގެ ނިޔަލަށް ނަގާ ކޮމްބޯ ޕެކޭޖުތަކުން 25 އިންސައްތަ އިތުރު އެލަވަންސް ލިބޭނެ ކަމަށް ވެސް ދިރާގުން ވަނީ ހާމަކޮށްފައެވެ. މިގޮތުން މި ޕެކޭޖުގެ ސިމްތައް ނަންގަވަން ބޭނުންވާ ފަރާތްތަކުން މާލެ އަދި ހުޅުމާލޭގައި ހުންނަ ދިރާގުގެ ކަސްޓަމަ ސާވިސް ސެންޓަރުތަކުންނާއި ސޭލްސް ސެންޓަރުތަކުން ގަނެވޭނެ ކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ.

އަދި މިހާރުވެސް ދިރާގުގެ އެހެން ޕެކޭޖެއް ގެންގުޅުއްވާ ކަސްޓަމަރެއްކަމުގައި ވާނަމަ، "PKG HELLO" ޖެހުމަށް ފަހު 444 އަކަށް އެސްއެމްއެސްއެއް ކޮށްލުމުން ޕެކޭޖު ބަދަލުކުރެވޭނެ ކަމަށް ދިރާގުން ހާމަކުރިއެވެ.