މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގެ ރަށްތަކުގެ ތެރެއިން ފަސް ރަށެއް ވިއްކަން ކްރޮސްރޯޑްސް ހިންގާ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުން އިއުލާނު ކޮށްފިއެވެ.

ޖޭއެލްއެލް އިން ރަށްތައް ވިއްކާލަން އިއުލާނު ކުރި ނަމަވެސް ވިއްކާ އަގުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެލްއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއްކޮށް ތަރައްގީކޮށް ނުނިމި ހުރި ފަސްރަށަށް އިންވެސްޓް ކުރާ މީހުންނަށް އެއް ރަށަށްވުރެ ގިނަ ރަށްރަށަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެކުންފުނިން ވަނީ މިއީ ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގައި ތިބި އިންވެސްޓަރުންނަށް ވެސް އެތަނުގައި ރިސޯޓު ހަދައި ކުރިއަރަން ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަ ކޮށްފައެވެ.

މި ފުރުސަތުގައި އިންވެސްޓަރުން ބޭނުންވާ ގޮތަކަށް އެރަށްތައް ތަރައްގީ ކުރެވޭނެ ކަން ފާހަގަކޮށް އެކުންފުނިން ވަނީ މި ރަށްތައް ގަންނަ ކުންފުނިތަކަށް ކްރޮސްރޯޑްސް މަޝްރޫއު ހިންގި ތައިލެންޑުގެ ސިންހާ އެސްޓޭޓާ ގުޅިގެން ރަށްތައް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ

ކޮރޮސްރޯޑްސް އަކީ ޖުމްލަ ނުވަ ރަށެއް ހިމެނޭގޮތަށް، އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރަމުންދާ ތަނެކެވެ. މި މަޝްރޫއުގެ ދަށުން މިހާރު ހުޅުވާފައިވަނީ ދެ ރިސޯޓެވެ. އެއީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށް ވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން އެވެ.

މި ހުރިހާ ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ކްރޮސްރޯޑްސް މެރީނާއާއި ގުޅުވާލާނެއެވެ.

މި ރަށްތަކަކީ ޓޫރިޒަމް މިނިސްޓްރީން 50 އަހަރުގެ ލީސް އެގްރީމެންޓެއްގެ ދަށުން ދޫކޮށްފައިވާ ރަށްތެކެވެ. އެހެން ކަމުން މި ލީސް ހަމަވާނީ 2066 ވަނަ އަހަރަށެވެ.