ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫޢު އާއި ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީގެ ހެޑް އޮފީހުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއަރ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ހަވާލު ކުރީ 495 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިއީ 138،980،244.28 ރުފިޔާގެ މަޝްރޫއުއެވެ. ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތް ނިންމަން ދީފައި ވަނީ 330 ދުވަހެވެ. މިއީ 17،864،369.16 ރުފިޔާގެ މަޝްރޫއުއެކެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯރކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނެ އެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއަރހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ.