މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ 1.7 ބިލިއަށް ރުފިޔާ ލިބިފައި ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މިވޭތުވެ ދިޔަ 2021 ވަނަ އަހަރު ބީއެމްއެލްއަށް އަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދައި ދިވެހި މުޖުތަމައަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ މުހިންމު މަގްސަދު ހާސިލް ކުރުމަށް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

މިއީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި އަދި ދައްކަންޖެހި ނުދައްދާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ނިމިގެންދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު ކަމަށެވެ. "ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަމަސައްކަތުން. އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފައި. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ %2.5 ގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އައު ލޯނު ދޫކޮށްފައިވޭ." ސީއީއޯ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މި ނަތީޖާ އާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ހިއްސާ އޮންނަ ފަރާތްތަކުން އުއްމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް. މި ގޮތުން ދިވެިރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް ވަރަށް ރަނގަޅު އަދަދެއް ސަރުކާރަށް ލިބިގެންދާނެ." ސީއީއޯ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.

2022 ވަނަ އަހަރުގެ ނޮވެންބަރުގައި ފާހަގަކުރާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހަކީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާއިރު މި ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ބޭންކުން ވަނީ ނިންމާފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ހިންގޭ މުހިންމު ހަރަކާތްތަކެއް ކަމަށް ވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. މިގޮތުން މިހާތަނަށް ވަނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނެއުމަށް އެހީވުމުގެ ޕްރޮގްރާމްގެ އިތުުރުން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފަންޑު އިފްތިތާހްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހީމް

    1.2 ބިލިއަން ފައިދާ... މިހެންބުނަން ލަދެއްވެސް ނުގަނޭތަ. ދިވެހި ރައްޔިތުންގެ ހިއްސާވާ ދިވެހިންގެ ބޭންކުން ބޮޑެތި އިންޓަރެސްޓަ ނަގައިގެން ދިވެހިން އަތުން އެފައިސާ ނަގައިގެން 1.2 ބިލިޔަން ލިބުމަކީ މޮޅުކަމެއްނޫން. ދުނިޔޭގެ އެހެން ގައުތަކުގައި ހައުސިންލޯނު އިންޓަރެސްޓާއި ދިވެހި ރާއްޖޭގައި ހިންގާ ބޭންކުތަކުން ނަގާ އިންޓަރެސްޓް ނިކަން އަޅުވާ ކިޔާލަބަލަ.

    13
  2. އަޖާއިބު

    އަޅެ ލަދު ކޮބާ؟

    10