ސްކައިޓްރެކްސް އިން ދޭ އެއާލައިން އޮފްދަ ޔިއާ ގެ މަގާމު އޭޝިޔާ ބައްރުގެ މަޝްހޫރު ސިންގަޕޯ އެއާލައިންސްއިން ހޯދައިފިއެވެ. މި މަގާމު ސިންގަޕޯ އެއާލައިންސް އިން ހޯދާފައިވަނީ މިދިޔަ އަހަރު އެ މަގާމު ހޯދި ގަތަރު އެއާވޭސް ފަހަތަށް ޖައްސާފައެވެ.

ސްކައިޓްރެކްސް އިން ދޭ އެންމެ މޮޅު އެއާލައިންތަކުގެ އެވޯޑުތަކަކީ އެވިއޭޝަން ދާއިރާގެ އޮސްކާރ އެވޯޑުތައްކަމުގައި ސިފަކޮށްފައިވާ އެވޯޑުތަކެކެވެ. ސިންގަޕޯ އެއާލައިންސް އިން ވަނީ ބެސްޓް ފަސްޓް ކްލާސް ކެބިން، ބެސްޓް ފަސްޓް ކްލާސް ސީޓު، ބެސްޓް އެއާލައިން އޮފް އޭޝިޔާ އަދި ބެސްޓް އެއާލައިން އޮފް ދަ ޔިއާގެ މަގާމު ހޯދާފައެވެ.

އަހަރުގެ އެންމެ މޮޅު އެއާލައިންގެ އެވޯޑު ސިންގަޕޯ އެއާލައިންސަށް ލިބުނުކަމުގައި ވީނަމަވެސް މި މަގާމު ކުރިން އުފުލާފައިވާ ގަތަރު އެއާވޭސް އިންވެސް ވަނީ އެވޯޑަކަށް ފަހު އެވޯޑެއް ހޯދާފައެވެ. ބެސްޓް ބިޒްނަސް ކްލާސް ކެބިން، ބެސްޓް ބިޒްނަސް ކްލާސް ސީޓު އަދި މެދު އިރުމަތީގެ ބެސްޓް އެއާލައިންގެ މަގާމު ގަތަރު އެއާވޭސް އިންވަނީ ހޯދާފައެވެ.

މެދު އިރުމަތީގެ ގަތަރު އެއާވޭސް އިން 2011، 2012، 2015، އަދި 2017 ވަނަ އަހަރު މިމަގާމު އުފުލާފައިވާއިރު އޭޝިޔާ ބައްރުގެ ކުންފުންޔަކަށް މި މަގާމު އެތައް ދުވަސްތަކަށް ފަހު ލިބުން ވެގެން ދާނީ އޭޝިޔާ ބައްރުގެ އެއާލައިންތަކަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

މި މުނާސަބަތާ ގުޅިގެން ސިންގަޕޯ އެއާލައިންސުގެ ކަސްޓަމާ ސާވިސް އެކްސްޕީރިއެންސްގެ ނައިބު ރައީސް ޔިއޯ ފީ ޓެއިކް ވިދާޅުވެފައިވަނީ އެ އެއާލައިނުން ތިބީ ވަރަށް އުފަލުންކަމަށެވެ.

ސިންގަޕޯ އެއާލައިންސް އިން އެންމެ ފަހުން ސްކައިޓްރެކްސްގެ އެއާލައިން އޮފް ދަ ޔިއާގެ މަގާމު ހޯދާފައިވަނީ 2008 ވަނަ އަހަރުއެވެ.