ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕަންސީ މިދިޔަ މަހު ހުރީ 43 ޕަސަންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހުގެ އޮކިއުޕަންސީ ވަނީ ދަށްވެފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 1.3 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ޖެނުއަރީން މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޮކިއުޕަންސީ ހުރީ 64 ޕަސަންޓްގައި ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 726515 އަށް އިތުރުވެފައެވެ. އަދި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 93786 ޓޫރިސްޓުންކަން އެ ހިސާބުތަކުން ދައްކައެެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގެ އަދަދު ވަނީ 42،806 އެނދަށް އިތުރުވެފައެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް، ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 4707194 އެވެ.

އަދި މި މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓު އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓް އަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2.3 ޕަސެންޓް ގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށްފައިވެ އެވެ.