މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މި ރޯދަމުގެ މިހާތަނަށް އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފި އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗެއާމަން ޝާހިދު އަލީ ވިދާޅުވީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު މިދިޔަ ތިން ހަފްތާ އެކަނިވެސް އެތެރެކުރި ކާބޯތަކެތި އިތުރުވެފައިވާ ކަމަށާއި އެގެ ތެރޭގައި އެންމެ ގިނައީ އަވަހަށް ހަލާކުވާ ކާބޯ ތަކެތި ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްއިން މަސައްކަތް ކުރަމުން ގެންދިޔައީ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް އައުމާއެކު އެތަކެތި ކްލިއާ ކޮށްގެން ބާޒާރާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މަސައްކަތްތައް ކުރެވިފައި ވަނީ އެއްވެސް ކަހަލަ ދަތިކަމެއް ނެތި ހަމަ ގެނެވުނު ހުރިހާ ޝިޕްމަންޓްތައް ބޭރުކުރެވި މުދަލުގެ ވެރިފަރާތައް ފޯރުކޮށްދެވިފައި ވަނީ" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ރޯދު މަހު ޕެރިޝަބަލް ކާބޯތަކެތި ހިފައިގެން 26 ބޯޓު އައިސްފައި ވެއެވެ. އެގޮތުން ޕެރިޝަބަލް ކާގޯގެ ގޮތުގައި 180،000 ޕެޖޭކް މި ރޯދަ މަހު ވަނީ ކްލިއާކޮށްފައެވެ.

ޕެރިޝަބަލް ކާގޯގެ އިތުރުން ކޮންޓެއިނާ ހިފައިގެން އަންނަ މުދާތައް ވެސް އިތުރުވެ ކޮންމެ ތިނަ ދުވަހަކު އެއް ދުވަހު އެފަދަ ކޮންޓެއިނަރުތައް ހިފައިގެން އަންނަ ބޯޓުތައް އަންނަކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

"މި ކުންފުނީގެ މުވައްޒަފުން ތިބީ އަތުކުރި އޮޅާލައިގެން. އަތްވަކަށް، ވާރޭއަކަށް ބެލުމެއް ނެތި، ޤައުމީ ޙިދުމަތުގެ ރޫޙުގައި، މި ރަމަޟާން މަހު އެއްވެސް ދަތިކަމެއް ނެތި މުދާ ކްލިއަރކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް" ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮލުރޮދި

    އެހެންވީމަތާ ހުރިހާ ބޮޑުން ރުއްސައިގެން ކުންފުނި އިންޑިޔާއަށް ވިއްކާޅަންތިޔަ އުޅެނީ މިޤައުމުގެ އާމްދަނީ ލިބޭ ހުރިހާ ވަސީލަތެއް އިންޑިޔާގެ ކޮންޓްރޯލްގެދަށް ދޫކޮށްލީމާ ހުރިހާކަމެއް ހަމަވާނީ