ތ. ތިމަރަފުށި އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ތިމަރަފުށި އެއާޕޯޓުގެ މަރާމާރުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން [email protected] އަށް ފޯމު ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ މަރާމާތު ކުރަންޖެހެނީ އެއާޕޯޓްގެ އެކޮމޮޑޭޝަން ބްލޮކާއި ޕަސެންޖާ ޓާމިނަލްގެ އޮފީސް އޭރިއާ އާއި ފަޔާ އެންޑް ރެސްކިއު އިމާރާތާއި ޕަވާހައުސާއި ބޯޑިން ގޭޓް ޗެކިން އޭރިއާގެ އިތުރުން ސެކިއުރީޓީ ފެންސާއި ސެކިއުރިޓީ ގޭޓް ކަމަށެވެ.

އެ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމާ ގުޅޭ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްކަށް މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ތިމަރަފުށީގެ އެއާޕޯޓު ހުޅުވާފައިވަނީ 2013 ވަނަ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.

އެ އެއާޕޯޓްގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެވެ.

ތިމަރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. އެ މަސައްކަތަށް 32 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.