ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިން އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

އެ އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާގެ ހިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އަލަށް ތައާރަފް ކުރެވުނު އެ ހިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށާއި އަދި ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާވެސްފޮނުވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕަށް އައު ބަދަލުތަކަކާއި އިތުރު ފީޗާ ތަކާއެކު މިދިޔަ އަހަރު ގެނެވުނު ކަމަށެވެ.

"މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕް ގައި ހިމެނިގެންދިޔުމާއެކުކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ. ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށްނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާރޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ." ޓިމް ސޯޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ މިއަދު ގެނައި ބަދަލަތަކާއެކު މޮބައިލް ބޭންކިން އެޕް އަކީ ކަސްޓަމަރުން ބޭނުންވާނެ ހަމައެކަނި ވޮލެޓް ކަމަށާއި މުޅި ދުނިޔޭގައިވެސް މޮބައިލް ބޭންކިން މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތަށް ވެގެން ދާނެ ކަމަށެވެ.

އަދި އެފަދަ ހިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭކަމީ ލިބޭ އުފަލެއް ކަމަށާއި ބީއެމްއެލްގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިން ހިދުމަތެއް ދިނުން ކަމަށް ވިދާޅުވި އެވެ.

2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އިންޓާނެޓް ބޭންކިން ހިދުމަތް ބޭނުންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީކޭކޭ

    ކޮބާތިބުނާ އަޕްޑޭތަކީ، އަދި ނުލިބޭ؟