ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ދިނުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ ޕްރީބިޑް މީޓިން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވީ ޕްރީބިޑް މީޓިން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 13:30 ގައި ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އެއްވަނަ ފަންގިފިލާގައި ކަމަށެވެ.
ޓީ.އައި.ޒެޑް އިން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ ފަރާތަކަށް ގިނަވެގެން ތިން ޕްލޮޓަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން، އަދި ރަޖިސްޓްރީ ފީގެ ގޮތުގައި 200ރ ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން 2018 އޮގަސްޓް 13 ވަނަ ދުވަހުގެ ކުރިން، ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5000ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންޖެހޭނެ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުން 2018 އޮގަސްޓް 16 ވަނަ ދުވަހު އޮންނާނެކަމަށް އެ ކުންފުނިން ޢާއްމުކޮށް އިއުލާނުކޮށްފައިވާއިރު، ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ބީލަން ހުށަހަޅުއްވަންޖެހޭނެއެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ 2018 އޮގަސްޓް 13 ވަނަ ދުވަހުގެ 00:13 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏަކަށްވާއިރު ކުންފުނިން މާލެ ސަރަހައްދަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ނާސިފް ވިދާޅުވެފައިވެއެވެ.