ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.
މިއަދު އިފްތިތާހު ކުރި އެ ޕްރޮގްރާމާ ބެހޭ ގޮތުން ބީއެމްއެލްގެ ހެޑް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ޕްރޮގްރާމަކީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށެވެ.
ބޭންކުގެ "ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ، މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، 12 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ޝަހާ ވަހީދު ވިދާޅުވީ ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް މި އިންޓަރންޝިޕް ޕްރޮގްރާމް ހުޅުވާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ވަޒީފާ ހޯދުމަށް ފަހި ފުރުސަތެއް މިވަނީ ހުޅުވާލެވިފައި،" ޝަހާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗު 34 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބޭންކްގެ ކަސްޓަމަރުންނަށް ދޭން ޖެހޭ އެންމެ އަސާސީ ޚިދްމަތް ކަމަށް ވާ ލޯނު ދިނުން ފިޔަވާ، ކުރަން ޖެހޭ ހުރިހާ ކަމެއް އެބަ ކުރަމުންދޭ! ގޭގެ އަށް މަސް ގެންގޮސް ދިނުމާ، ދޮންނަ މެސިނު ރިޕެޔަރު ކުރުމާ ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތް، ހަމަ އުޑުދަށުގަލެއްވި ހުރިހާ ކަމެެއް އެބަ މި ބެންކުން ކުރޭ! ކީކޭތަ އަޅެފަހެ ބުނާނީ!
ހުސް ޢޮޅުވާލާ ބެންކެއް ކަމަށް އަޅުގަނޑަށް ބުނެވެން އެބަ އޮތް.