ބޮޑު ކިތުއެއް ހަދާގެން ޚިދުމަތްތަކަށް ފައިސާ ދެއްކުމަކީ މިހާ ބިޒީކޮށް އުޅެމުން ކުރަން ވަރަށް އުދަގޫ ކަމެކެވެ. އެހެންނަމަވެސް ވެމްކޯއިން މިވަނީ މިބުރަ ލުއިކޮށްދީފައެވެ.

ވެމްކޯއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކިއުގައި މަޑުނުކޮށް ލުއި ފަސޭހަކަމާއެކު ވެމްކޯގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގު ފަހި ކުރުމުގެ ގޮތުން އެ ކުންފުނީގެ ކަސްޓަމާ ފްރޮންޓް އޮޕީސްތަކުން ބިލަށް ފައިސާ ބަލައިގަތް ކަމުގައި ވިޔަސް ކަސްޓަމަރުން ކިޔޫގައި ނުޖެހި ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް މާލޭގެ އިތުރު ފަސް ތަނެއްގައި ޤާޢިމްކޮށް، މިމަހުގެ އެކަކުން ފެށިގެން މިޚިދުމަތް ދެމުދާކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިޚިދުމަތް މިހާރު އިތުރަށް ވަނީ ފުޅާކޮށްފައި ކަމަށާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއިންވެސް އިތުރު ތަންތަނުން ބިލް ދެއްކޭނެގޮތްވަނީ ހަމަޖެހިފައިކަމަށެވެ. ވެމްކޯއިން އިތުރަށް ބުނެފައިވަނީ މިޚިދުމަތަށް ތައްޔާރު ވުމުގެ ގޮތުން ވެމްކޯގެ ޓީމެއްވަނީ އެދެސިޓީއަށް ތަމްރީނު ދިނުމަށް ގޮސްފައިކަމަށެވެ. އަދި ޚިދުމަތް ދޭ ތަންތަނުގެ މައުލޫމާތު ވެމްކޯގެ ވެބްސައިޓްއާއި ފޭސްބުކްޕޭޖް އަދި ޓުވިޓަރ ހޭންޑަލް އިން ލިބިގެން ދާނެކަމަށެވެ.