ސިންގަޕޫރު އެއަރލައިންސްގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ، އޭޝިޔާގެ މަޝްހޫރު ލޯ-ކޮސްޓް އެއަރލައިން، "ސްކޫޓް" އިން ޗައިނާ އާއި އިންޑޮނީޝިޔާގެ އިތުރު މަންޒިލްތަކަކަށް ދަތުރު ފެށުމަށް ނިންމައިފިއެވެ. އެ އެއަރލައިނުން އުދުހުންތައް ބޭއްވުމަށް ނިންމާފައިވަނީ ޗައިނާގެ ނަންޝަންގ އާއި އިންޑޮނީޝިޔާގެ ޕެކަންބަރޫ އަށެވެ.

ސްކޫޓް އިން ހާމަކޮށްފައިވާ ގޮތުގައި ނަންޝަންގ އަށް ސިންގަޕޫރުން ހަފްތާއަކު ތިން ދަތުރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް މި އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ފަށަން މަސައްކަތް ކުރަމުންދާއިރު، މިކަމަށް ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެކެވެ.

ނަންޝަންގ، ޗައިނާ

ޓިކެޓުގެ އަގުހެޔޮކަމަށް މުޅި އޭޝިޔާގައިވެސް މަޝްހޫރުވެފައިވާ ސްކޫޓް އިން، ނަންޝަންގ އަށް އަލަށް ދަތުރުތައް ފަށާތީ، ފެއަރ އަގެއްގައި ޓިކެޓު ވިއްކުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، އެސިޓީއަށް އެއްކޮޅު ޓިކެޓެއް (ބެގެޖާއި ކެއުން ނުލައި) ހަމަ އެންމެ 78 ޑޮލަރުން ފެށިގެން (1205 ރުފިޔާ) ވިއްކުމަށްވަނީ ނިންމާފައެވެ.

އިންޑޮނީޝިޔާގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ބާލީއާ ސީދާ ގުޅުންތައް އޮންނަ ޕެކަންބަރޫ އަށް، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތައް ބާއްވަނީ، ސިންގަޕޫރު އެއަރލައިންގެ ކުޑައިގެ ދަށުން ހިންގާ "ސިލްކް އެއަރ"އާވެސް ގުޅިގެންނެވެ.

ޕެކަންބަރޫ، އިންޑޮނީޝިޔާ

2012 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް އައި ސްކޫޓް އެއަރލައިން، 2017 ވަނަ އަހަރުގެ ޖުލައި މަހު، މަޝްހޫރު ޓައިގަރ އެއަރލައިންސްއާ އެއްކޮށްލާފައުވާއިރު، އެ އެއަރލައިނުގެ ފްލީޓުގައި މިހާރުވެސް ގިނަ އަދަދެއްގެ މަތިންދާބޯޓު ހިމެނެއެވެ. އޭގެތެރޭގައި ބޮއިންގ އާއި އެއަރބަސްގެ އެކި މަރުކާތަކުގެ ގިނަ ބޯޓުތައް ހިމެނެއެވެ.

އަގުހެޔޮކޮށް، މަޤުބޫލު މަންޒިލްތަކަށް ދަތުރުކުރުމަށް ސްކޫޓަކީ ހަމަ އެފަދަ ދެވަނައެއް ނެތް އެއަރލައިނެކެވެ.