"ގޭބިސީ އިންޝުއަރެންސް"ގެ ނަމުގައި ގޭބިސީތަކުގައި ހުންނަ ހިފާ ގެންގުޅޭ މުދާ އިންޝުއާކޮށްދޭ ޕޮލިސީއެއް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށްވާ "ސޮލަރެެލް އިންޝުއަރެންސް" އިން ތައާރަފު ކޮށްފިއެވެ.

މުޅި ދިވެހި ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ތައާރަފު ކުރި މިފަދަ ޕޮލިސީ، ސޮލަރެލް އިން ތައާރަފު ކުރީ މިއަދު އެ ކުންފުނީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެގައެވެ. މި ރަސްމިއްޔާތުގައި "ގޭބިސީ އިންޝުއަރެންސް"ގެ ފުރަތަމަ ދެ ކަސްޓަމަރުންނަށް ވަނީ ލިޔުން ހަވާލު ކޮށްފައެވެ.

"ގޭބިސީ އިންޝުއަރެންސް" ޕޮލިސީގެ ދަށުން ގޭގައި ގެންގުޅޭ މުދާ އިންޝުއާކޮށްދޭއިރު، 2 ސައިކަލު ނުވަތަ 1 ކާރަށް މި ޕޮލިސީގެ ދަށުން ތާރޑް ޕާޓީ މޮޓޯ އިންޝުއަރެންސް ވެސް ލިބިގެންދާނެއެވެ.

އެގޮތުން، އަލިފާނުގެ ސަބަބުން ނުވަތަ ހޮނު އެޅުމުގެ ސަބަބުން ލިބޭ ގެއްލުމާއި، މުޒާހަރާތަކުގެ ސަބަބުން ލިބޭ ގެއްލުމާއި، ގަސްދުގައި މީހަކު ދޭ ގެއްލުމާއި، ގޭތެރޭގައި ނުވަތަ އެހެން ތަނެއްގައި އެއްޗެއް ގޮވައިގެން މުދަލަށް ލިބޭ ގެއްލުމާއި، މަތިންދާބޯޓެއްގެ ސަބަބުން ލިބޭ ގެއްލުމާއި، ފެން ޓޭންކެއް ފަޅައިގެން ގޮސް މުދަލަށް ލިބޭ ގެއްލުމާއި، ކަރަންޓުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުމާއި، ތޫފާނުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި، ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުމާއި، ބިންހެލުމުގެ ސަބަބުން ލިބޭ ގެއްލުމާއި، ސުނާމީގެ ސަބަބުން ލިބޭ ގެއްލުމާއި، އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ލިބިދާނެ ގެއްލުމާއި، ނަގޫ ރޯޅިއެއްގެ ސަބަބުން ލިބިދާނެ ގެއްލުމާއި އަދި ހުއްދަ ނެތި މީހަކު ގެއަށް ވަދެ ދޭ ގެއްލުން މި ޕޮލިސީގެ ދަށުން ކަވާ ކޮށްދެއެވެ.

މި ޕޮލިސީގެ ދަށުން ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުމަށް ބަދަލު ލިބޭނީ، އެ ގެއްލުމަކީ އަގުގެ ގޮތުން ބަލާނަމަ 2000 ރ. އަށް ވުރެ ބޮޑު ގެއްލުމަކަށް ވާނަމައެވެ. އެހެން ހުރިހާ ބާވަތުގެ ގެއްލުމަކީ 1000 ރ. އަށް ވުރެ އަގުުގެ ގޮތުން ބޮޑު ގެއްލުމެއް ނަމަ މި ޕޮލިސީގެ ދަށުން ބަދަލު ލިބޭނެއެވެ.

މި ޕޮލިސީއަށް އަގު ކަނޑައަޅާފައި ވަނީ ޕޮލިސީ އިހްތިޔާރު ކުރާ ފަރާތުގެ އެޕާޓްމެންޓުގެ ކޮޓަރީގެ އަދަދަށް ބަލާފައެވެ. މިހާރު ތިން ކޮޓަރިއާ ހަމައަށް އަގު ކަނޑައަޅާފައި ވީނަމަވެސް ސޮލަރެލް އިން ބުނެފައި ވަނީ ތިން ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ އެޕާޓްމެންޓުތައް ވެސް "ގޭބިސީ އިންޝުއަރެންސް"ގެ ދަށުން އިންޝުއާ ކުރެވޭނެ ކަމަށެވެ.

"އެހެން އިންޝުއަރެންސްތަކާ ހިލާފަށް އަޅުގަނޑުމެން ތިން އޮޕްޝަންއެއް މި ގެންގުޅެނީ. ބެޑްރޫމްއަށް ބޭސްޑް ކޮށްފަ އަޅުގަނޑުމެން ޗާޖް ކުރަނީ. ވަރަށް ފަސޭހަ ގޮތަކަށް މި ޕޮލިސީ ނެގޭ ގޮތަށް މި އިންނަނީ، ހަމަ އެކަނި ތިމާ އުޅެނީ 1 ބެޑްރޫމް އެޕާޓްމެންޓެއްގަތޯ 2 ބެޑްރޫމް އެޕާޓްމެންޓެއްގަތޯ، 3 ބެޑްރޫމް އެޕާޓްމެންޓެއްގަތޯ އެވަރަށް އަޅުގަނޑުމެން ބަލާފަ އިންނަނީ." "ގޭބިސީ އިންޝުއަރެންސް" ޕޮލިސީއާއި ބެހޭ ގޮތުން މައުލޫމާާތު ދެއްވަމުން ސޮލަރެލް އިންޝުއަރެންސްގެ ޑެޕިއުޓީ ސީއީއޯ ހުސެއިން ރަޒީން ވިދާޅުވިއެވެ.

"ގޭބިސީ އިންޝުއަރެންސް" ޕޮލިސީއާއި ބެހޭ ގޮތުން ސޮލަރެލް އިންޝުއަރެންސްގެ ޑެޕިއުޓީ ސީއީއޯ ހުސެއިން ރަޒީން މައުލޫމާތު ދެއްވަނީ ފޮޓޯ:- ސޮލަރެލް އިންޝުއަރެންސް

1 ބެޑްރޫމް އެޕާޓްމެންޓް:

އެއް ބެޑްރޫމް އެޕާޓްމެންޓެއް މި ޕޮލިސީގެ ދަށުން އިންޝުއާ ކުރެވޭނީ 250،000 ރ. އަށެވެ. އެއް ބެޑްރޫމް އެޕާޓްމެންޓުގެ ޕޮލިސީ އިހްތިޔާރު ކުރާ ނަމަ މުދަލަކަށް 10000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ކަވަރު ކޮށްދޭނެއެވެ. އަދި އަގުބޮޑެތި މުދާތައް 75000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ކަވަރު ކޮށްދޭނެއެވެ. މި ޕެކޭޖަށް އަހަރަކު ދައްކަން ޖެހޭނީ އެންމެ 1500 ރ. އެވެ.

2 ބެޑްރޫމް އެޕާޓްމެންޓް:

2 ބެޑްރޫމް އެޕާޓްމެންޓެއް މި ޕޮލިސީގެ ދަށުން އިންޝުއާ ކުރެވޭނީ 500000 ރ. އަށެވެ. 2 ބެޑްރޫމް އެޕާޓްމެންޓުގެ ޕޮލިސީ އިހްތިޔާރު ކުރާ ނަމަ މުދަލަކަށް 10000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ކަވަރު ކޮށްދޭނެއެވެ. އަދި އަގުބޮޑެތި މުދާތައް 150000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ކަވަރު ކޮށްދޭނެއެވެ. މި ޕެކޭޖަށް އަހަރަކު ދައްކަން ޖެހޭނީ އެންމެ 2000 ރ. އެވެ.

3 ބެޑްރުމް އެޕާޓްމެންޓް:

3 ބެޑްރޫމް އެޕާޓްމެންޓެއް މި ޕޮލިސީގެ ދަށުން އިންޝުއާ ކުރެވޭނީ 750000 ރ. އަށެވެ. 3 ބެޑްރޫމް އެޕާޓްމެންޓުގެ ޕޮލިސީ އިހްތިޔާރު ކުރާ ނަމަ މުދަލަކަށް 10000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ކަވަރު ކޮށްދޭނެއެވެ. އަދި އަގުބޮޑެތި މުދާތައް 200000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ކަވަރު ކޮށްދޭނެއެވެ. މި ޕެކޭޖަށް އަހަރަކު ދައްކަން ޖެހޭނީ ހަމަ އެންމެ 2500 ރ. އެވެ.

"ގޭބިސީ އިންޝުއަރެންސް" ޕޮލިސީ ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ:- ސޮލަރެލް އިންޝުއަރެންސް

މީގެ އިތުރުން އަމިއްލަ އެޕާޓްމެންޓުގައި ހުންނަ މުދާތަކާއެކު، ވަގުތީ ގޮތުން އެހެން އެޕާޓްމެންޓެއްގައި ދިރިއުޅެނިކޮށް ލިބޭ ގެއްލުން ވެސް މި ޕޮލިސީގެ ދަށުން ކަވަރު ކޮށްދެއެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކިޔަވާ ކުއްޖެއް ނަމަވެސް، އެ ކުއްޖެއްގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުގައި 25000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ބަދަލު ލިބޭނެއެވެ. އަދި އެޕާޓްމެންޓުގެ ތެރޭގައި ހިނގައިދާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަ 100000ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ބަދަލު ލިބިގެންދާނެއެވެ. މީގެ އިތުރުން އަމިއްލަ އެޕާޓްމެންޓުގައި އަލިފާން ރޯވުމުގެ ސަބަބުން ޖެހިގެން ހުރި އެޕާޓްމެންޓަކަށް ލިބޭ ގެއްލުމުގެ ޒިންމާއަށް 1000000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ބަދަލު ލިބިގެންދާނެއެވެ. އަދި އެޕާޓްމްނެޓު ތެރޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހަކަށް އެޕާޓްމެންޓުުގެ ވެރި ފަރާތް ޒިންމާ ވާ ގޮތަށް ގެއްލުމެއް ލިބިއްޖެ ނަމަ 1000000 ރ. އަށް ވުރެ ގިނަ ނޫން އަދަދަކަށް ބަދަލު ލިބިގެންދާނެއެެވެ.

2016 ވަނަ އަހަރު ވުޖޫދަށް އައި ސޮލަރެލް އިންޝުއަރެންސް އަކީ މިހާރު ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުންޏަކީ މިހާރު ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ތެރެއިން އެންމެ އިތުބާރު ހިފޭ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕަންޕު

    ތިކަމަކީ ވަރައް ރަގަޅުކަމެއް އެކަމަކު މިގައުމުގަ މިހިރަ އިންސުއަރެންސް ކުންފުނި ތަކަކީ ހަމައެކަނި އެމީހުންގެ ފައިދާއައް ހިންގާ ތަންތަން ތިކަމަކުން އާދައިގެ އާމު ރައްޔިތެއްގެ މުދަލަކައްވާ ގެއްލިމަކައް އެއްކަމެއްވެސް ނުކޮއްދޭނެ