ދިރާގުގެ ޗެއާޕާސަންސް އެވޯޑް އެ ކުންފުނީގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން އަށް ލިބިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކްލަބްފަރުގައި ބޭއްވި އެ ކުންފުނީގެ 29 ވަނަ އަހަރީ އެވޯޑު ދިނުމުގެ ހަފުލާގައި މިރުޝާންއަށް އެ އެވޯޑް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދެވެ.

މި އެވޯޑް ހަފްލާގެ މައިގަނޑު މަޣްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުންކަމަށް ދިރާގުން ބުންޏެވެ.

އެ އެވޯޑްގެ އިތުރުން އެ ހަފްލާގައި އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 31 މުވައްޒަފަކަށް ދީފައިވެއެވެ.

ދިރާގުން ބުނީ، މި އަހަރުގެ ހަފުލާފައި ފާހަގަކުރެވުނު އެންމެ ހާއްސަ އެއް ކަމަކީ މުވައްޒަފުންނަށް ދިން އެވޯޑްތަކަކީ އާ ބްރޭންޑިން އާއި އެއްގޮތަށް ފަރުމާކޮށްފައިވާ ޓްރޮފީތަކަކަށްވުން ކަމަށެވެ.

ދިރާގުން ބުނިގޮތުގައި، އެ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށާއި މާލީ އިނާޔަތްތަކުގެ އިތުރުން މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ދިރާގަކީ، ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިން ކުންފުންޏެވެ.