މިދިޔަ މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.

މީރާ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 2.0 ޕަސެންޓްގެ އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 0.1 ޕަސެންޓް އިތުރު އަދަދެކެވެ.

2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާއި ގުޅިގެން 1 ޖުލައި 2018 އަށް ސުންގަޑި ފަސްކުރެވިފައިވުން ކަމަށް މީރާ އިން ހާމަކުރެއެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ 934.50 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 519.13 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 348.21 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 105.32 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި 44.03 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 177.60 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.4 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.