ކ. އިތާފުށި ހިއްކައިގެން ހަދާ، ވޯލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓަށް މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އިތާފުށި ރިސޯޓަށް މުވައްޒަފުން ހޯދަން ބާއްވާ އޯޕަންޑޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަވަ ދުވަހާއި ހަތް ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާގިރި ހޮޓެލްގައެވެ.

ފަސް ތަރީގެ އެ ރިސޯޓު ހުޅުވާނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައެވެ. އެ ރިސޯޓުގައި އެއް ކޮޓަރި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ 138 ގެސްޓް ވިލާސް ހިމެނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިން އެ ރިސޯޓަށް ވިއްސަކަށް މިނިޓުން ދެވެއެވެ. އެ ރިސޯޓަށް ކިޔަނީ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިއެވެ.