ސިނަމާލެ ބްރިޖް ހުޅުވެންވާއިރަށް އިތުރު ހަ ބަސް މި މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް އަންނަ ޝިޕްމަންޓްގައި ހިމެނެނީ އެއް ޑަބަލް ޑެކް ބަހާއި ފަސް ކޯޗު ބަސް ކަމަށެވެ. އަދި އެ ބަސްތައް ރާއްޖެ ގެނައުމުގެ ދަތުރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކުންފުނިން މިދިޔަ މަހު ފަހުކޮޅު ގެނައި ނުވަ ބަހުގެ ތެރޭގައި ވެސް ދެ ކޯޗު ބަހާއި ހަތް ސިޓީ ބަސް ހިމެނެ އެވެ.

ސިނަމޭލެ ބްރިޖް ހުޅުވުމަށްވާންޖެހޭ ފަހުގެ ތައްޔާރީތަށް ހަލުވި ކަމާއެކު ކުރެވެމުން ދާއިރު އެމްޕީއެލްއިން މީގެ ކުރިން ހާމަކުރި ގޮތުގައި ބްރިޖްގެ ބަސް ދަތުރުތަކަށް ޖުމްލަ 22 ބަސް ބޭނުން ކުރާނެއެވެ. އޭގެ ތެރޭގައިި ހިމެނެނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އަދި 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް ހާމަކުރިއެވެ.

ބްރިޖްގައި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ އެވެ. އެމްޕީއެލްއިން މިހާރު ދަނީ ބަސް ދުއްވާނެ ޑްރައިވަރުންނާއި އެހެން މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ބްރިޖްގެ މަސައްކަތް ހުޅުވަން ވާއިރަށް ޒަމާނީ ފެންވަރަށް މާލޭގެ ބޭރު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްލެެވެއެވެ. އެގޮތުން މާލޭ އިންޑަސްޓްރިއަލް ވިލެޖްއިން ފެށިގެން ހުޅުމާލެފެރީ ޓާމިނަލާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަހަރެން ގޮނޑި ދުއްވާނީ

  2. ހަހުރަ

    އެމްޕީއެލް ބަސްތަކުގެ ސީޓިންގ ކެޕޭސިޓީ ދަށްކަން ފާހަގަ ކޮށްލަން!! މިހެންވުމުގެ ސަބަބުން ގިނަބަޔަކު ކޮއްޅަށް ހުންނަންޖެހޭ!! ފަރާތެއްގައި ދެބަރިއަށް ގޮނޑި ހުންނަ ނަމަ ވަރަށް ރަނގަޅުވީސް!!!